ހިއުމަންރައިޓްސް ކޮމިޝަނަށް އައްޔަން ކުރަން ހަބީބަށް ރުހުން ދީފި

ހިއުމަންރައިޓްސް ކޮމިޝަނަށް އައްޔަން ކުރަން ހަބީބަށް ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިސްމާއީލް ހަބީބު އަބްދުއްރަހީމް، އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

ހަބީބަށް ރުހުން ދިނުމަށް ފެނޭތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ހަބީބަށް ރުހުން ދޭން ފާސް ކުރީ ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 74 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ.

ހަބީބު، އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ގައެވެ. ކޮމިޝަން މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަބީބު ފިޔަވައި ދެން ތިއްބެވި، އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައްވެސް ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓުގައި ހިމަނުއްވާފައިވެއެވެ.

ހަބީބު މީގެކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ. ނަމަވެސް އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މިދިޔަ މާޗު މަހު އޭނާ ވަނީ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *