ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވަން ޖެހޭގޮތަށް، ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބަދަލުގައި، ބައި އިލެކްޝަންގައި އީ ވޯޓިން ބޭނުން ކުރުން ރަނގަޅުވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރު ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ޒާކިރު ވިދާޅުވީ، ޓެކްނޮލޮޖީގެ މި ޒަމާނުގައި ވޯޓު ފޮށިތައް ބަަހައްޓައިގެން ޚަރަދު ބޮޑު ގޮތަކަށް ބައި އިލެކްޝަންތައް ބޭއްވުމަކީ މައްސަލަ ދިމާވާ ކަމެއް ކަމަށެވެ.
އޭގެ ބަދަލުގައި އީ ވޯޓިން ސިސްޓަމް ބޭނުން ކޮށްގެން އީ ވޯޓިން ލާނަމަ، ޚަރަދު ކުޑަވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ބައި އިލެކްޝަން ތަކުގައި ވޯޓުލާ މީހުން އަންނަނީ އިންތިހާއަށް މަދުވަމުން ކަމަށެވެ. ނަމަވެސް އިންތިޚާބު ބާއްވަން ޖެހޭ ކަމަށާއި، އެ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ޓަކައި ސަރުކާރުން ފައިސާ ޚަރަދު ކުރަން ޖެހުމުގެ ސަބުބުން ޚަރަދު ބޮޑުވެގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަން އެ ގޮތުގައި އޮތްއިރު، ވޯޓު ފޮއްޓަށް ވޯޓުލާން ނިކުތުމަކީ މިއަދުގެ ޒުވާނުން ޝައުގުވެރިކަން ހުންނަ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއަށް ބަލައިގެން އިންތިޚާބުތައް ނުބާއްވަން ނިންމުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ޓެކްނޮލޮޖީއާ ގުޅުން ހުރި ކަންތައްތައް ޤާނޫނު ތަކުގައި ހިމަނަމުން އަންނަ މި ދަނޑިވަޅުގައި، އަދި ޓެކްނޮލޮޖީއާބެހޭ ޚާއްސަ ކޮމިޓީއެއް މަޖިލީހުގައި އޮތް މި ދަނޑިވަޅުގައި، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑުގައި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބައި އިލެކްޝަންތައް ބާއްވަން އީ ވޯޓަށް ދިއުމީ މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މުއައްސަސާ ތަކުގައި ތިއްބެވި ވެރިންގެ ނާގާބިލު ކަމަކީ ޑިމޮކްރެޓިކް ޕްރޮސެސް ކުރިއަށް ގެންދަން ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. ބައި އލެކްޝަން ތަކަކީ ކުދިކުދި އިންިތޚާބު ތަކެއް ކަމަށާއި، އީ ވޯޓިން ބޭނުން ކުރަން ފެށުމުގެ ގޮތުން އެ އިންތިޚާބުތައް އީ ވޯޓިން ބޭނުން ކޮށްގެން ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް އެހެން ގައުމު ތަކުގައިވެސް އެކަން ކުރަނީ އެގޮތަށް ކަމަށާއި، ޚަރަދު ކުޑަކުރަން ބަލާ ފުރަތަމަ ކަމަކީ ޑިމޮކްރެޓިކް ޕްރޮސެސް ހުއްޓައިލުން ކަމަށް ވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.