ޗައިނާއާއެކު އެފްޓީއޭ ހެދުމުން ރާއްޖޭގެ އިގުތިސާދީ ސިޔާދަތު ގެއްލޭނެ: ފައްޔާޒު

ޗައިނާއާއެކު އެފްޓީއޭ ހެދުމުން ރާއްޖޭގެ އިގުތިސާދީ ސިޔާދަތު ގެއްލޭނެ: ފައްޔާޒު

ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އެއް ހަދައިފިނަމަ ރާއްޖޭގެ އިގްތިސޯދީ ސިޔާދަތު ގެއްލިގެން ހިނގައިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި "ހަވަރު ބެރު" ޕެނެލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އިގްތިސޯދީ މިނިވަންކަމަކީ ރާއްޖެއަށް ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށެވެ. އެއީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެންކަމުން މުދާ އެތެރެކުރާއިރު ވަރަށް ވަރުގަދަ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށާއި އެއް ބަޔަކަށް ބަރޯސާނުވެ މުއާމަލާތްތައް ކުރުން ރާއްޖެއަށް މުހިންމު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖެއިން ވަނީ އިންޑިއާ، ސްރިލަންކާ، ސިންގަޕޯ، ޔޫރަޕް، ދުބައި އަދި ޗައިނާ ހިމެނޭހެން އެތައް ގައުމުތަކާއެކު ވިޔަފާރީގެ ރަނގަޅު ގުޅުންތަކެއް އުފައްދައިފައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން ހަމައެކަނި ދައްކަނީ ޗައިނާއާއެކު އެފްޓީއޭ ހަދާ ވާހަކަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ޗައިނާއާއެކު އެފްޓީއޭއެއް ހެދުމުގައި އޮތް ކަންބޮޑުވުމަކީ، ވިޔަފާރިވެރިންނަށް މުދާ ގެންނަން ޗައިނާއަށް ބަރޯސާވާން ޖެހުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ޗައިނާއަކީ އުފެއްދުންތެރިކަން ބޮޑު ގައުމަކަށްވާއިރު، އެގައުމުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑައި، ރާއްޖެއިން ވިޔަފާރިކުރާ އެހެން ގައުމުތަކުން ޑިއުޓީ ނަގާނަމަ ވިޔަފާރިވެރިންނަށް ޖެހޭނީ ހަމައެކަނި ޗައިނާއިން ތަކެތި ގެންނަން ކަމަށެވެ.

"އެއީ އަގުބޮޑުވޭ އެހެން ތަނަކުން މުދާ ގެންނަންޏާ، އެހެން ވިޔަފާރިވެރިއަކު ޗައިނާއިން ގެންނަންޏަ މާރުކޭޓުގައި ވިއްކާއިރުގައި، ޑިއުޓީ އަނެއް މުދަލަށް އިނީމައި އެއަށް ކޮމްޕީޓެއް ނުކުރެވޭނެ. އެހެންވީމަ މި ވާގޮތަކީ މަޑުމަޑުން ގޮސް، އަޅުގަނޑުމެން ޒަމާނުއްސުރެ އުފައްދާފައި ހުރި ޓްރޭޑް ލިންކުތައް ފުނޑުފުނޑުވެގެން ދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

"އޭގެ މާނައަކީ ޗައިނާގެ ދަށަށް އަޅުގަނޑުމެން ބަނޑުފުރާނަ މުއްތިކުރާނެ ހުރިހާ އެއްޗެކާއި އަޅުގަނޑުމެން ޖަހާ ސެންޓާ މިހެން ގޮސް ހުރިހާ އެއްޗެއް އޭގެ ތެރެއަށް ވަދެގެން ދާނީ."

އެފްޓީއޭއަކީ އޭގެ ޒާތުގައި އިމްޕޯޓްކުރާ ގައުމަށްވުރެ ބޮޑަށް އެކްސްޕޯޓް ކުރާ ގައުމަށް ފައިދާކުރާ އެއްޗެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އިގުތިސާދީ ސިޔާދަތު ގެއްލިގެން ދިޔައިމަ އަޅުގަނޑުމެންގެ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ވެސް ބޮޑު ބުރުލެއް އަރާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކާށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާއިރު، އެ އެފްޓީއޭއަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *