ޗައިނާއިން ދެކެނީ އިގްތިސޯދަށް ދަތިކަމެއް އައިސްގެން އުޅެނީ މި ސަރުކާރަށް މެނޭޖު ކުރަން ނޭނގިގެން ކަމަށް: ޝާހިދު

ޗައިނާއިން ދެކެނީ އިގްތިސޯދަށް ދަތިކަމެއް އައިސްގެން އުޅެނީ މި ސަރުކާރަށް މެނޭޖު ކުރަން ނޭނގިގެން ކަމަށް: ޝާހިދު

ރާއްޖޭގެ އިގްތިސޯދަށް ކުރިމަތި ވެފައި ވަނީ ވަގުތީ ދަތިކަމެއް ކަމަށް ޗައިނާއިން ބުނާ ވާހަކަ ނިސްބަތް ވަނީ މި ސަރުކާރުގެ މިސްމެނޭޖްމަންޓަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އިގްތިސާދީ މިސްރާބު ހުރީ ރަނގަޅަށްކަން ދުނިޔޭގެ މާލީ އިދާރާ ތަކުން ގަބޫލުކުރާ ކަމަށެވެ.

"އެ ބޭފުޅުންނަށްވެސް، ޗައިނާގެ ރައީސަށްވެސް އެނގިވަޑައިގަންނަވާ ރާއްޖޭގެ އިގްތިސާދުގައި، ކުރީގެ ސަރުކާރު ނިމުނުއިރު ހަމަ ހުރިހާ ކަމެއް ރަނގަޅުކަން. ވަގުތީ ދަތި ތަކެއް ދިމާވެގެން މި އުޅެނީ، އެއީ މިސްމެނޭޖްމަންޓް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ޒަމީރު ވިދާޅުވެފައި ވަނީ ރާއްޖެއަށް މިވަގުތު ކުރިމަތި ވެފައިވާ ދަތިކަމަކީ ވަގުތީ ކަމެއްކަން، ޗައިނާގެ ބޮޑުވަޒީރު ފާހަގަ ކުރެއްވި ކަމަށެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިގްތިސޯދަށް މިހާރު ދިމާވެފައިވާ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުން ނޫން ކަމަށާއި އެ ޒިންމާ ނަގަން ޖެހޭނީ މި ސަރުކާރުން ކަމަށެވެ.

"މިދިޔަ އަށް މަސް ތެރޭގައި، ހަގީގަތުގައި މި ބޭފުޅުންގެ ނާގާބިލު ކަމުން އަމިއްލައަށް އެ ބޭފުޅުން ކޮނުނު އަނދަވަޅަކަށް ގައުމުގެ އިގްތިސާދު ވެއްޓިގެން މި އުޅެނީ. އަމިއްލައަށް މެނޭޖު ކުރަން ނޭނގިގެން، މި ބޭފުޅުން ގެނައި ސިޔާސަތު ތަކުގެ ސަބަބުން،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އިގްތިސޯދީ ހާލަތު ގޯސްވީ ސަރުކާރުގެ ރިކަރަންޓް ޚަރަދު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ސިޔާސީ ވަޒީފާ ތަކުގެ އަދަދު 700 ގައި ހިފެހެއްޓި ނަމަވެސް، މި ސަރުކާރުގައި އެ މަގާމު ތަކުގެ އަދަދު ހުރީ 2،000 އަށްވުރެ މަތީގައި ކަމަށެވެ.

"އެހެންވީމަ ބަދަލުވެގެން މި އުޅެނީ މި އަށް މަސް ތެރޭގައި އެ ބޭފުޅުން ގެނައި ސިޔާސަތު ތަކުގެ ސަބަބުން އަދި މި ދިމާވި މާލީ ގޮންޖެހުންތައް މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން، މި ބޭފުޅުންގެ ނާގާބިލު ކަމުގެ ސަބަބުން." އަމީރު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތައް ދިނުމުގެ އިތުރަށް ބޭކާރު ޚަރަދުތައް މި ސަރުކާރުން ވަރަށްގިނައިން ކޮށްފި ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *