ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 138 ފަރާތަކަށް ދޭން ނިންމައިފި

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 138 ފަރާތަކަށް ދޭން ނިންމައިފި

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވުމަށް ރައީސް އޮފީހުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީން ކަމަށެވެ.

މި 138 ބޭފުޅުންގެ ތެރޭގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ އެ ބޭފުޅުންނަށް މި އިނާމު ދެއްވާނީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތް ތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތް  ތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *