ފްރާންސް ބަލިކޮށް ސްޕެއިން ފައިނަލަށް، ޔަމާލްގެ ކުޅުމަށް ތައުރީފް ހައްގު

ފްރާންސް ބަލިކޮށް ސްޕެއިން ފައިނަލަށް، ޔަމާލްގެ ކުޅުމަށް ތައުރީފް ހައްގު

ޔޫރޯ 2024ގެ ސެމީ ފައިނަލުގައި ފަހަތުން އަރައި ފްރާންސް ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން ހޯދައިފިއެވެ.

މި މެޗު ސްޕެއިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗު ފަށައިގެން މޮޅަށް ކުޅެމުން އައީ ސްޕެއިންނެވެ. ގިނަ އިރުތަކެއްނުވެ ފްރާންސް ވެސް ވަނީ މެޗުގެ ތެރެއަށް ވަދެ ހަމަލާތައް އުފައްދަން ފަށާފައެވެ. ނަތީޖާ އެއްގެ ގޮތުން މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ފްރާންސުން ވަނީ މެޗުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ހޯދާފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމްބާޕޭ ނަގައިދިން ހުރަހަކުން ކޯލޯ މުއާނީއެވެ. ފްރާންސްގެ ލަނޑަށް ފަހު ސްޕެއިން އިންވެސް ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ގިނަ އިރުތަކެއްނުވެ ސްޕެއިން އިން ވަނީ ފްރާންސްގެ ގޯލު ފޫ އަޅުވާލާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިންގެ 'ސްޓާ ބޯ' ލަމީން ޔަމާލް ވަނީ ރީތި ލަނޑެއް ކާމިޔާބު ކޮށްފައެވެ. އޭރިޔާ އަށް ވުރެ ބޭރުގައި ހުރެ ޔަމާލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައިވެސް ޖެހިފައެވެ.

ސްޕެއިން އިން މެޗުގެ ނަތީޖާ ހަމަހަމަކޮށް އޭގެ ތިން މިނެޓު ފަހުން ވަނީ މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު ކާމިޔާބު ކުރީ އޮލްމޯއެވެ. ވަރަށް ރީތިކޮށް ޑިފެންޑަރު ފައިމަތިން ބޯޅަ ހިއްލާލައި، ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުންޑޭގެ ފައިގައިވެސް ޖެހިފައެވެ. ޔޫރޯ 2024ގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިންނަށް ލިބުނު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-1 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ކުޅުނު އިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައެވެ. ގިނަ ފުރުސަތު ލިބުނީ ފްރާންސަށެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރު އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. މިއާއި އެކު ސްޕެއިން އިން މި މުބާރާތުގައި ގާއިމު ކުރަމުން އަންނަ ބަލި ނުވުމުގެ ސިލްސިލާ ދިފާއުކޮށް ވަނީ ފައިނަލުގެ ޖާގަ ޔަގީން ކޮށްފައެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ފައިނަލް މެޗު އޮންނައިރު ފައިނަލުގައި ވާދަ ކުރާނީ ސްޕެއިންނާއި، ނެދަލޭޭންޑް އަދި އިންގްލޭންޑް ބައްދަލު ކުރާ ސެމީ ފައިނަލު ކާމިޔާބު ކުރާ ޓީމަކާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *