މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް، ދައުލަތުުގެ މާލީ ކަންކަމުގައި ފިނޭންސް މިނިސްޓްރީން އެދުނު ލަފައެއް ނުދީވޭތީ، އާއި އެ މިނިސްޓްރީއަށް އެއްބާރުލުން ދީފައިވޭތޯ އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ، އަލީ ހާޝީމް މަގާމުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަލުން މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވުމުން އެކަމާބެހޭގޮތުން ބޭއްވި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައެވެ.
މާލީ ކަންކަމުގައި ދައުލަތަށް ބޭނުންވާ އެއްބާރުލުމާއި ލަފާ ދީފައިނުވާ ކަމަށްބުނެ ގަވަރުނަރު ވަކި ކުރުމަށް ރައީސް މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅީ މަޖލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް މި މައްސަލަ ހުށަހެޅުމުން ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދެއްވުމަށް ކޮމިޓީން ފާސްކުރިއެވެ. ނަމަވެސް އެ މައްސަލަ މަޖިލިސް ތަލުމަށް ހުށަހެޅުމުން މަޖިލިސް ގަވާއިދުގައި ވާގޮތުގެ މަތިން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް އަލުން ފޮނުވައިލިއެވެ.
އެކަމާގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ގަވަރުނަރު ސަރުކާރަށް ބޭނުންވާ ކިހާ އެއްބާރުލުމެއް ދިންތޯ އޮޅުން ފިލުވަންޖެހޭ ކަމެވެ. އެހެން ކަމުން ސިޓީ އަކުން އެމައުލޫމާތު މަޖިލިސް އާ ހިއްސާ ކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. ސަރުކާރަށް އެއްބާރުލުން ނުދޭ ކަމާއި، ލަފާނުދޭ ކަަމަށް ވިދާޅުވެ ގަވަރުނަރު ވަކި ކުރަން ކުށަހެޅުއްވީވެސް ނާޒިމެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރު ޑރ.އަހްމަދު ޝަމްހީދެވެ. ޝަމްހީދު ވިދާޅުވީ، ކޮމިޓީން އޮޅުން ފިލުވަން ޖެހެނީ ދައުލަތުން އެދިގެން އެއްވެސް މައުލޫމާތެއް، ނުވަތަ އެއްވެސް އެއްބާރުލުމެއް ގަވަރުނަރު ދީފައި ނުވޭތޯ ކަމަށެވެ. އެހެން ކަމުން ކޮމިޓީގެ ހުރިހާ މެންބަރުންގެ ވޯޓާއެކު އެ ކަންތައްތައް ފިނޭންސް މިނިސްޓްރީން އޮޅުން ފިލުވުމަށް ކޮމިޓީން ފާސްކުރިއެވެ.