މަޖިލީހުގައި ތިބެންވީ 77 މެންބަރުން: ޝުޖާއު

މަޖިލީހުގައި ތިބެންވީ 77 މެންބަރުން: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބެންވީ ފެހި ޤާނޫނު އަސާސީ ވުޖޫދު ވީއިރު އޮތް އަދަދު ކަމަށްވާ 77 މެންބަރުން ކަމަަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ޤާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރު ވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް ޤާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ޚިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ، ރާއްޖެއަށް ވުރެ މާބޮޑެތި އާބާދީގެ ގޮތުން މާ މީހުން ގިނަ ގައުމު ތަކުގައިވެސް ނިސްބަތުން ޤާނޫނުހަދާ މަޖިލިސް މެންބަރުންގެ އަދަދު މަދު ކަމަށެވެ.

އެގޮތުން އާބާދީގައި 4.1 ބިލިއަން މީހުން ދިއިރުޅޭ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިޔާގެ ވޯޓިން ޕޮލިއުލޭޝަންގައި އެއްބިލިޔަން މީހުން ތިބިއިރު، ޕާލަމެންޓް، ލޮކްސަބާގައި ތިއްބެވީ 545 މެންބަރުން ކަމަށެވެ. އަދި މި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، 2019 ވަނަ އަހަރާ ހަމައަށް ދެ މެންބަރުން މަދުކޮށް މިހާރުގެ އަދަދަކީ 543 މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އާބާދީގައި 330 މިލިޔަން މީހުން ހިމެނޭ އެމެރިކާގެ ދެ ހައުސްގައި މެންބަރުން ތިއްބެވި އަދަދުވެސް ޝުޖާއު ހާމަ ކޮށްދެއްވިއެވެ.

ޝުޖާއު ވިދާޅުވީ، އިތުރު ވަމުން އަންނަ މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި، މަޖިލިސް މެންބަރުންގެ އަދަދު އޮންނަން ޖެހޭނީ، މިހާރު އޮތް ފެހި ޤާނޫނު އަސާސީ ވުޖޫދުވީ އިރު އޮތް އަދަދަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ޤާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް މެންބަރުންގެ ޚިޔާލު ހޯދުމަށް މިއަދު މަޖިލީހަށް ގަރާރު ހުށަހެޅުއްވީވެސް ޝުޖާއުއެވެ. ޝުޖާއު ވިދާޅުވީ އާންމުކޮށް ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެކުރިންވެސް މަޝްވަރާ ކުރަމުން އައިސްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ، މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *