ކަރެކްޝަނުގެ އޮފިސަރަކަށް މަރުތޭލަކުން ހަމަލާ ދިނުމަށްފަހު ފިލި ދެ މީހުން ހައްޔަރު ކޮށްފި

ކަރެކްޝަނުގެ އޮފިސަރަކަށް މަރުތޭލަކުން ހަމަލާ ދިނުމަށްފަހު ފިލި ދެ މީހުން ހައްޔަރު ކޮށްފި

ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަަސްގެ އޮފިސަރަކު ސައިކަލުގައި ދުއްވާފައި ދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުގައި ތިބީ އަހުމަދު އިޔާޒް، ރ. އިނގުރައިދޫ/ މިރިހިމާގެ (24އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (26އ) އެވެ.   މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ  2024 ޖޫން 11 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

"މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވެއެވެ. އަދި ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖް ތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ވަނީ ކަށަވަރުކުރެވިފައެވެ." ފުލުހުން ބުންޏެވެ.

ދެމީހުންގެ ތެރެއިން އިޔާޒް، ހައްޔަރު ކޮށްފައި ވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ 2024 ޖޫން 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އަދި އަހުމަދު ރަބީއު ހައްޔަރު ކޮށްފައި ވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، 2024 ޖޫން މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

"މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ." ފުލުހުން ބުންޏެވެ.

މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާ ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *