އެމްބާޕޭ ނުހިމަނައި ފްރާންސަށް ނެދަލޭންޑްސްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ނޭފަތް ބިންދައިގެން ގޮސް އަނިޔާގެ ސަބަބުން އެމްބާޕޭ ރޭގެ މެޗަށް ނާރަ އެވެ. އެމްބާޕޭ އަކީ ފްރާންސްގެ ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ. ފްރާންސުން ބުނެފައިވަނީ އެމްބާޕޭ މިމުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ފުރަތަމަ 11 އިން ފެންނާނެ ކަމަށާ އޭނާ ދެން ކުޅޭނީ މާސްކެއް އަޅައިގެން ކަމަށެވެ.
މިމެޗުގައި ނެދަލެންޑްސްގެ ޒަވީ ސިމޯންސް ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަތް ނިންމުމަށް ފުޓުބޯޅައިގެ ގިނަ ތަޖުރިބާކާރުން ވަނީ ފާޑުކިޔައިފަ އެވެ.
މިފަދަ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަންކަން ނިންމާ ޒަމާނެއްގައި ވީއޭއާރުން ހަދާފައިވަނީ ބޮޑު ގޯހެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އޮފްސައިޑް މަގާމެއްގައި ހުއްޓަސް ބޯޅައަށް ނުކުޅޭހާ ހިނދެއްގައި ސައިޑް ނުވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ފޯރިގަދަ މެޗު ނިމުނީ ނެދަލެންޑްސް އާއި ފްރާންސް 0-0 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ނެދަލެންޑްސް އިން ގޯލެއް ކާމިޔާބު ކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ބަލައިނުގަތުމަށް ރެފްރީ ނިންމީ އެވެ.
މި ނަތީޖާއާ އެކުގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުގައި ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ ނެދަލެންޑްސް އެވެ. ދެވަނައިގައި ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން އޮތީ ފްރާންސެވެ. ނެދަލެންޑްސްއަށް އެއްވަނަ ލިބެނީ ޖެހި ގޯލް ގިނަވުމުންނެެވެ.