ވަޒީފާއިން ވަކިކުރި މީހަކާމެދު އެޅި ފިޔަވަޅުގެ ރެކޯޑުތައް އުނިކުރަން އަންގައިފި

ވަޒީފާއިން ވަކިކުރި މީހަކާމެދު އެޅި ފިޔަވަޅުގެ ރެކޯޑުތައް އުނިކުރަން އަންގައިފި

ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެޅި ފިޔަވަޅާބެހޭ ރެކޯޑުތައް އޭނާގެ ޕާސަނަލް ރެކޯޑް ފައިލުން އުނި ކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ވަނީ ފުވައްމުލަކު ސިޓީއަށް ފޯރުކޮށްދޭ އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް އާ ޚިދުމަތްތަކެއް ފެށުމުގެ ގޮތުން އެ އޮފީހުގެ ސީނިއާރ މުވައްޒަފަކަށް ހަމަޖެެއްސުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތަށް އެސިޓީއަށް ވަޒީފާ ބަދަލު ކުރަން ދެ ފަހަރެއްގެ މަތިން ކުރި މަަސައްކަތާއި ގުޅިގެން ރަމީޒު ކަންތަށް ކޮށްފައިވާ ގޮތުގެ ސަބަބުން ސީއެސްސީން އޭނާއަށް އެޅި ފިޔަވަޅާ ގުޅިގެން ސީއެސްސީގެ މައްޗަށް ރަމީޒު ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ރަމީޒު ބުނެފައި ވަނީ، މީގެފަހުން ސިވިލް ސާވިސްގެ ކޯޑް އޮފް އެތިކްސްއާ ހިލާފްވެއްޖެނަމަ އިތުރު އިންޒާރެއް ދިނުމަކާ ނުލައި ވަޒީފާގެ ފަންތި ދަށް ކުރުން، ނުވަތަ ވަޒީފާއަށް ނިކުތުން މަނާ ކުރުން ނުވަތަ ވަޒިފާއިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު ސިވިލްސާވިސް ކޮމިޝަން ލިބިގެންވާކަން އަންގައި، ދެފަހަރެއްގެ މަތިން އެ ކޮމިޝަނުން އޭނާއަށް ދީފައިވާ އިންޒާރަކީ ބާތިލް އެއްޗެއް ކަމަށް އަމުރު ކޮށްދިނުމަށާއި، އޭނާއަށް އަޅާފައިވާ ފިޔަަޅު ތަކަކީ ޤާނޫނާ ޚިލާފް ފިޔަވަޅެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭގެ އިތުރުން އޭނާއަކީ އެފަދަ އިސްލާހީ ފިޔަވަޅެއް އަޅާފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި، އެ ފިޔަވަޅާބެހޭ އެންމެހައި ލިޔެކިއުން ރެކޯޑް ފައިލުން އުނި ކުރުމަށާއި، އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރު ވެރިޔާގެ ގޮތުގައި މި މައްސަލައިގައި އަމަލު ކޮށްފައިވާ ފަރާތުގެ މައްޗަށް ޤާނޫނާ ޚިލާފު އަމަލު ހިންގި ކަމުގެ ތުހުމަތު ބަލައި ފިޔަވަޅު އެޅުމަކީ ސީއެސްސީގެ މައްޗަށް އޮތް ލާޒިމް މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އޭނާ އެދިފައިވެއެވެ.

އަދި އެ އިންޒާރާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 30،000 ރުފިޔާ އާއި ނަފުސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 34،290 ރުފިޔާ އަދި ސިވިލްސާވިސް ކޮމިޝަނުން އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު، ޕިއުނިޓިވް ބަދަލުގެ ގޮތުގައި 114،300 ރުފިޔާއާއެކު ޖުމްލަ 178،590 ރުފިޔާ އެކީ އެއްފަހަރާ ދިނުމަށް ކަނޑައަޅައި ދިނުމަށްވެސް ޓްރައިބިއުނަލްގައި އެދިފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ފުރަތަމަ ފަހަރު 16 ނޮވެމްބަރު 2021ގައި ރަމީޒުގެ މަސައްކަތް ވަގުތީ ގޮތުން ތިން މަސް ދުވަހުގެ މުއްދަތަށް ފުވައްމުލަކަށް ބަދަލު ކޮށްފައިވާކަން އެންގުމުން އެކަމަށް އިއުތިރާޒް ކުރާކަން އަންގާފައި ނުވުމާއި އަދި ފުރައިގެންވެސް ނުދިޔުމަކީ ޤަވާއިދާ ޚިލާފަށް ކުރި އަމަލެއް ކަމަށް ބުނެފައިވާއިރު، އޭނާ ހުރީ ޗުއްޓީގައި ކަމަށެވެ.

އެހެން ކަމުން އޭނާ އޭރު ހުރީ ޤާނޫނުން ލިބިދީފައިވާ ހައްގު ޗުއްޓީ ތަކެއްގެ މަތީގައިކަން އެނގެން އޮތުމާއި، އެ ޗުއްޓީ ތަކަކީ ސިއެސްސީން އެޕްރޫވް ކޮށްފައިވާ ޗުއްޓީ ތަކެއްކަން އެނގެން އޮންނާތީ އެ ފަހަރު ނުފުރުމާ ގުޅިގެން ނުވަތަ އެކަމަށް އިއުތިރާޒު ކުރިކަން ބަޔާން ނުކުރާ ކަމަށްބުނެ ރަމީޒަށް އިސްލާހީ ފިޔަަވަޅު އަޅާފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

މިފަދަ ދެވަނަ އެންއުމެއް ރަމީޒަށް އަންގާފައި ވަނީ 24 އޯގަސްޓް 2022 ގައި އޭނާ ފުވައްމުލަކަށް ފުރުވާލަން ކުރި މަސައްކަތުގެ ތެރެއިންނެއެވެ.

އެކަމާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައި ވަނީ، 24 އޯގަސްޓް 2022 އަށް ރަމީޒު ފުވައްމުލަކު އޮފީހަށް ވަޒީފާއަށް ނިކުތުމަށް އަންގައި 14 އޯގަސްޓް 2022 ގައި ޗިޓް ތައްޔާރު ކުރި ނަމަވެސް އޭނާ ފުރުމަށް ސީއެސްސީން ޓިކެޓް ނަގާފައި ވަނީ 23 އޯގަސްޓް 2022 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމަށްފަހުގައި ކަމަށާއި، އޭނާއަށް އެޓިކެޓް ފެނިފައިވާ ކަމަށް ބަޔާން ކޮށްފައި ވާއިރު، އެހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ޓިކެޓް ފޮނުވުމުން ވަކި އެއްޗެއް އެންގުމެއް ނެތި އޭނާ ފުރާފައި ނުވާކަން ބަޔާންކޮށް އިންޒާރު ދިނުމަކީ އިސްލާހީ ފިޔަވަޅެއް ކަމުގައި ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ސީއެސްސީގެ ފަރާތުން ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ރަމީޒުގެ ފަރާތުން އެދިފައިވާ 178،590 ރުފިޔާ ނަގހައިދެވޭނެ ހަމައެއް ނެތްކަމަށް ވަނީ ނިންމައިފައެވެ.

އެހެން ކަމުން އެކަންކަމާބެހޭ ގޮތުން ރަމީޒުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުރަވެވެން ނެތުމުން، ސީއެސްސީން އަޅާފައިވާ ފިޔަވަޅަކީ ބާތިލް ފިޔަވަޅެއް ކަމަށް ކަނޑައަޅައި، އެ އިސްލާހީ ފިޔަވަޅާބެހޭ އެންމެހާ ރެކޯޑްތައް ރަމީޒުގެ ޕާސަނަލް ރެކޯޑް ފައިލުން އުނި ކުރުމަށްފަހު ފަސް ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް ލިއުމުން އެންގުމަށް ސީއެސްސީގެ މައްޗަށް އަމުރުރާ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުުގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *