ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ފޮނުވުމަށް ޚަރަދު ކޮށްގެން ނުވާނެ: އިޔާޒް

ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ފޮނުވުމަށް ޚަރަދު ކޮށްގެން ނުވާނެ: އިޔާޒް

ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެތައް ކަމެއް ފުރިހަމަނުވެ ހުއްޓައި، ސަރުކާރުގެ ހަރަދުގައި ނިކަމެތިން ހައްޖަށް ފޮނުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހަރަދުގައި ނިކަމެތި 1،000 މީހުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އޭގެ ތެރެއިން 50 މީހަކު މިއަދު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރައިފައިވާ ކަމަށެވެ.

އިޔާޒް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ވާޖިބުވެގެން ވަނީ އެ ކަމަށް ތަނަވަސްކަމާއި ސިއްހީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން މަގުފަހިވެފައި އޮތް މީހުންނަށް ކަމަށެވެ. އެއީ، ކޮންމެ މީހަކު މަރުވުމުގެ ކުރިން ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެއް ނޫން ކަމަށް އިޔާޒް ވިދާޅުވި އެވެ.

"ހައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާމީހާ ކުރަންޖެހޭ އަޅުކަމެއް. ނިކަމެތިން ހައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ހަރަދު ކޮށްގެން ނުވާނެ. ނަމަވެސް، ތަނަވަސްކަންހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ހަރަދުގައި ނިކަމެއްޗަކު ހައްޖަށް ނުވަތަ އުމްރާ އަށް ފޮނުވުމުގައި މައްސަލަ އެއް ނެތް" އިޔާޒް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުގައި މީހުން ހައްޖަށް ފޮނުވާނީ ދައުލަތަކީ ވަރަށް ފުދުންތެރި ދައުލަތެއް ކަމުގައިވާނަމަ ކަމަށް އިޔާޒް ވިދާޅުވި އެވެ. ރާއްޖެއަކީ މިހާރު ވެސް އިގްތިސޯދީ ގޮތުން އެހާ ފުދުންތެރިކަން ނެތް އިގްތިސޯދީ ދަތިތަކެއް ދިމާވެފައިވާ ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންނަށް ބޭނުންވާ އެތައް ޒަރޫރީ ކަންތައްތަކެއް ނުފުދި އެބަހުރި ކަމަށާއި އެހެންކަމުން ދައުލަތުގެ މާލިއްޔާއިން ނިކަމެތިން ހައްޖަށް ފޮނުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އިޔާޒް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުގައި މީހުން ހައްޖަށް ފޮނުވަން ފަށައިފައިވަނީ ދީނީ ކަމަކަށްވުރެ ބޮޑަށް ސިޔާސީ މަގުސަދެއް ހާސިލުކުރަން ކަމަށް އިޔާޒް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *