ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މިއަންނަ ހަފްތާގައި ބިޑަށް ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށެވެ. އެހެން ކަމުން ޓޫރިސްޓުންނަށް ވައިގެ ޚިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ލުއި ފަސޭހަވާން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.
"މި ހަފުތާ ނިމޭއިރުގައި ނުވަތަ އެންމެ ލަސްވެގެން އަންނަ ހަފުތާގެ މެދުތެރެޔަށް ދާއިރު ފިނޭންސް މިނިސްޓްރީން އެކަންތައް (ބިޑަށް ހުޅުވާލުމުގެ ކަންކަން) ނިންމަވާނެ. ނިންމެވުމާއެކީގައި އަޅުގަނޑުމެން އާރްއެފްޕީ އާއި ސަރުކާރުގެ ގެޒެޓުގަ އާއި އިންޓަނޭޝަނަލް ޕްލެޓްފޯމް ތަކުގައި ޝާއިއު ކުރާނަން. ސާކިއުލޭޓް ކުރީމައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް ރާއްޖޭގައި ވިޔަފާރި އޮތް ގޮތާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ގާބިލްކަން ހުރި ކޮންޕޯނެންޓެއް ގެނެވޭނެ ކަމަށް،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސީޕްލޭންތައް އޮޕަރޭޓް ކުރަނީ ހަމައެކަނި ދުވާލުގެ ވަގުތު ތަކުގައި ކަމަށާއި ނަމަވެސް ރިސޯޓުތަކަށް ރޭގަނޑު ދާން ބޭނުންވާ ޓޫރިސްޓުންވެސް ތިބޭނެ ކަމަށެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަނީ އެ މައްސަލަ ހައްލުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.