ގޯސްކޮށް މުވައްޒަފުން ވަކިކޮށްގެން 7 މިލިޔަން ރުފިޔާ ދައްކަން ޖެހުނު: ފެނަކަ

ގޯސްކޮށް މުވައްޒަފުން ވަކިކޮށްގެން 7 މިލިޔަން ރުފިޔާ ދައްކަން ޖެހުނު: ފެނަކަ

މީގެ ކުރިން ގޯސްކޮށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރި މައްސަލައިގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލް މެދުވެރިކޮށް އެކި ފަރާތްތަކަށް ހަތް މިލިޔަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ޤަވައިދާއި ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ކެނޑުމާއި އެ ކުންފުންނަށް މުވައްޒަފުން ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލަަ ތަކަކާއި ގުޅިގެން މިދިޔަ ހަފްތާގައި އެ ކުންފުނީގެ އިސްވެރިން ވަނީ ރައްިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

ކޮމިޓީ މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، އެފަދަ ކަމެއް އެ ކުންފުނިން މިހާރު ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް މީގެކުރިން ގޯސްކޮށް އެ ކުންފުނީގެ ވަޒީފާއިން ވަކިކުރި ފަރާތް ތަކަށް ބަދަލުގެ ގޮތުގައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލް މެދުވެރިކޮށް ހަތް މިލިޔަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނީގައި މިހާރު އޮތް މެނޭޖުމެންޓުން ސިޔާސީގޮތުންވެސް މީހަކު ވަޒީފާއިން ކަނޑާލާފައި ނުވާނެ ކަމަށެވެ. އަދި ސިޔާސީ ވިސްނުމަށްބަލައި މުވައްޒަފުން އެހެން ރަށްރަށަށް ބަދަލުކޮށް ސްޓޭޝަން ބަދަލު ކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވަޒީފާއަށް މީހުން ވެއްދުމުގެ އުސޫލާއި ޚިލާފަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވަތަ ވަޒީފާއަށް ވައްދާފައި ނުވާނެ ކަމަށެވެ.

ސަރުކާރު ބަދަލުވެ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ފެނަކައިން ގިނަ މުވައްޒަފުން ތަކެއް ވަކިކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި ވަޒީފާއިން ވަކިކޮށްފައި ވަނީ ކޮންޓްރެކްޓް ހަމަވުމާއި ގާތްވެފައިވާ މުވައްޒަފުން ތަކެއް ކަމަށްވެސް މުއާޒު ވިދާޅުވިއެވެ. އެގޮތުން ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެން 1780 މުވައްޒަފުން ފެނަކައިން ދޫކޮށްލާފައިވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ މި މުވައްޒަފުންނަކީ ފެނަކައިގެން ޕްރޮޖެކްޓްތައް ހިންގަން ނެގި މުވައްޒަފުން ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ޕްރޮޖެކްޓްތައް ހުއްޓިފައި ހުރުމުގެ ސަބަބުން، އެކަށީގެންވާ ގޮތުގައި މުވައްޒަފުންގެ ބޭނުން ކުރެވިފައި ނުވާކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަންއަށް ނަގާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ މަސައްކަތްތައް ހުއްޓިފައި ވާތީ. 1780 ވައްޒަފުން ދޫކޮށްލީ. ނަމަވެސް އަލުން މަސައްކަތް ތަރުތީބުކޮށް މިއަހަރު ޖެނުއަރީ އިން އޭޕްރިލް  20 އާއި ހަމައަށް 1529 މުވައްޒަފުން ނަގާފައި ވަނީ." ފެނަކަ އެމްޑީ މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ 2023 ވަނަ އަހަރު ފެށުނުއިރު ކުންފުނީގައި ތިބީ 4825 މުވައްޒަފުން ކަމަށެވެ.

ނަމަވެސް ނިމިދިޔަ ސަރުކާރުން، މިދިޔަ އަހަރު ފެށުނީއްސުރެ ސެޕްޓެމްބަރު މަހާއި ހަމައަށް 2105 މުވައްޒަފުން ނެގިކަމަށާއި އަދި އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ދެވަނަބުރާއި ދެމެދު އިތުރު 122 މީހުންނަށް ވަޒީފާ ދިންކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *