ފެނަކަ ކޯޕަރޭޝަނުން އިން ހައުސްކޮށް ހިންގި 60 މައްސަލައެއް ބެލުމަށް ފަހު އޭގެ ތެރެއިން ގޯސްކޮށް ކަންތައް ހިނގާފައިވާ 25 މައްސަލައެއް މިހާތަނަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ކަރަންޓު ދިނުމަށް ދިމާވި މައްސަލަ އާއި، އުސޫލުތަކާ ޚިލާފަށް ފެނަކައިން މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުން ނަގަމުންދާ މައްސަލައާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީީ) އަށް ފެނަކައިގެ އިސް ބޭފުޅުން ހާޒިރުކޮށް، ކުރި ސުވާލު ތަކުގެ ތެރެއިން ކުރީގެ ސަރުކާރުގައި ފެނަކައިން ގޯސްކޮށް ހިންގާފައިވާ މައްސަލަތަކާ ބެހޭ ގޮތުން ކޮމިޓީ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއާޒް ވިދާޅުވީ، އެ 60 ޕްރޮޖެކްޓަކީ ކުންފުނީގެ ބޯޑްގެ އެޕްރޫވަލް ވެސް ނުލިބި ފަށާފައިވާ މަޝްރޫއު ތަކެއް ކަމަށެވެ.
އެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައި ވަނީ، އެ ޕްރޮޖެކްޓް ތަކުގައި ގޯސްކޮށް ކަންކަން ކުރި ފަރާތްތައް އައިޑެންޓިފައިކޮށް، ސާބިތު ކުރެވޭވަރުގެ ހެތްކާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭސީސީއަށް ފޮނުވި މައްސަލަ ތަކުގެ ތެރެއިން އެކި މައްސަލަަތަކުގައި އެކި މިންވަރަށް އެކި ފަރާތްތައް ބައިވެރިވެފައިވާ ކަމަށާއި، އޭގެތެރޭގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދުއާ ހިސާބުން ފެށިގެން އެކި ނުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށެވެ.
އެމްޑީ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ޕްރޮޖެކްޓްތަކަކީ އެސްޓިމޭޓެެއް ހެދުމަކާނުލައި މާކެޓްގައި ތަކެތީގެ އަގު ހުރި މިންވަރެެއްގެ ބެލުމެއް ނެތި ކުރިއަށްދާ ޕްރޮކެކްޓް ތަކެއް ކަަށެވެ. އެހެން ކަމުން މާކެޓް ތަކުގައި ހުރި ތަކެއްޗަށްވުރެން 50 ޕަސެންޓް ބޮޑު އަގުގައި އެތަނަށް ތަކެތި ގަނެފައިވާ ކަމަށް ޖަހާފައިވާކަން ފާހަގަ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެ ޕްރޮޖެކްޓްތަކަކީ އެ ޕްރޮޖެކްޓްތައް ނިމޭނެ އަގެއް ކަނޑައަޅައިގެން ފަށާފައިވާ ޕްރޮޖެކްްޓް ތަކަަށް ނުވުމާއި ޕްރޮޖެކްޓަށް ބޭނުންވާ މުވައްޒަފުންގެ އަދަދު އެނގެން ނެތުމުން، ކެޓީރިއަލްގެ އަގާއި ކެއުމާއި މުވައްޒަފުންގެ މުސާރައަށް ބޮޑެތި ޚަރަދު ތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.