ޕޯޗުގަލްގެ ކުންފުންޏަކަށް 39،750 ޔޫރޯ ދައްކަން ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފި

ޕޯޗުގަލްގެ ކުންފުންޏަކަށް 39،750 ޔޫރޯ ދައްކަން ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފި

ޕޯޗްގަލްގެ ކުންފުންޏެއް ކަމަށްވާ "ވިސްޑަމް ވިސްޑަމް ޓެލެވިޒަމް- ސިސްޓެމަސް އިންފޯމަޓިކޮސް ޕެއާ ޓެލެވިޒޯ އެލްޑީއޭ" އަށް 39،750 ޔޫރޯ ދައްކަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކަވަރޭޖުގައި ބޭނުން ކުރުމަށް ޕީއެސްއެމްއަށް ސޮފްޓްވެއާއެއް ފޯރުކޮށްދިނުމަށް 27 އޯގަސްޓް 2018 ވި އެއްބަސްވުމަކާއި އެއްގޮތަށް ޕީއެސްއެމް އިން ފައިސާ ދައްކާފައި ނުވާކަަމަށް ބުނެ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި ދައުވާގައި އެކުންފުނިން އެދިފައި ވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓްގެ ދަށުން ދައްކަންޖެހި ނުދައްކައިވާ 36،250 ޔޫރޯ އާއި އެގްރީމެންޓްގައި ސޮއިކުރި ފަހުން ޕީއެސްއެމްއިން އެދިގެން އެ ކުންފުނީގެ މުވައްޒަފުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރު ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގު ކަމަށްވާ 3،500 ޔޫރޯ އާއެކު ޖުމްލަ 39،750 ޔޫރޯ ޕީއެސްއެމް މީޑިއާގެ ކިބައިން ނަގައި ދިނުމަށެވެ.

މި މައްސަލައިގެ ޖަވާބުގައި ޕީއެސްއެމް އިން ބުނެފައި ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކަވަރޭޖުގައި ބޭނުން ކުރުމަށް ސޮފްޓްވެއާރ ޑެލިވާކޮށް އެ ސޮފްޓްވެއާރ އޮޕަރޭޓް ކުރުމުގެ އެއްބަސްވުމެއްގައި ދެ ފަރާތުގެ ދެމެދުގައި ސޮއި ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ވާގޮތުގެ މަތިން ޕޯޗުގަލް ކުންފުންޏަށް ދައްކަންޖެހޭ ޖުމްލަ 50 ޕަސެންޓަށްވާ 36،250 ޔޫރޯ ދައްކާފައިވާ ކަމަށާއި ދައުވާގައި ހޯދުމަށް އެ ފަރާތުން އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭފައިސާއެއްނޫން ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެ އެއްބަސްވުުގެ ދަށުން އެކުުންފުނިން ޕީއެސްއެމްއަށް  ސޮފްޓްވެއާރ ވިއްކާފައި ނުވާ ކަމަށާއި، އެއީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ތައްޔާރުކޮށް އިއުލާން ކުރުމަށް 24 ގަޑިއިރަށް ބޭނުން ކުރުމަށް ކުއްޔަށް ދީފައިވާ ސޮފްޓް ވެއާއެއް ކަމަށްވެސް ބުނެފައިވެއެވެ. އެ ފެންވަރުގެ ސޮފްޓްވެއާއެއް މާކެޓްގައި ގަންނަން ލިބޭ ވަރަށް ވުރެން ބޮޑު އަގުގައި، އޮޅުވާލުމެއްގެ ތެރެއިން ޕީއެސްއެމްގެ އެއްބަސްވުމަށް ވައްދާފައިވާ ކަމަށާއި، އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ އަގުގެ އިތުރުން 3،500 ޔޫރޯ ދިނުމަށް އެއްބަސް ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ މައްސަލައިގައި ކަންހިންގާފައި ވާގޮތަށް ބަލާއިރު ޕޯޗްގަލް ކުންފުނިން، ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށެވެ.

އެހެން ކަމުން ޕޯޗްގަލް ކުންފުނިން ދައުވާގައި ހޯދުމަށް އެދިފައިވާ 39،750 ޔޫރޯ އެ ކުންފުންޏަށް ދެއްކުމަށްޓަކައި އަންނަ މެއި މަހުގެ 14 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *