ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި އއ. މާގާ

މާގާ ވިއްކާލުމުން ބިގް ސްޓޯނުން 1.2 މިލިޔަން ޑޮލަރު ހޯދަން ދައުލަތުން ހުށަހަޅައިފި

މާގާ ވިއްކާލުމުން ބިގް ސްޓޯނުން 1.2 މިލިޔަން ޑޮލަރު ހޯދަން ދައުލަތުން ހުށަހަޅައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ބިގް ސްޓޯން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި އއ. މާގާ ވިއްކާލުމާއި ގުޅިގެން އެ ރަށުގެ ކުއްޔާއި ޖޫރިމަނާ އާއި ކޮންވާޝަން ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ޖުމްލަ 1.2 މިލިޔަން ޑޮލަރު ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ދިވެހި ދައުލަތުން ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.

ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައާއެކު ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ. ދައުލަތުން ސިވިލްކޯޓުގައި އެދިފައިވާ ވަގުތީ އަމުރުގައި ވަނީ، މި މައްސަލައިގެ މައުލޫއުގައި ވަކި ގޮތެއް ކަނޑަ އަޅަންދެން، މާގާ ވިއްކާލުމަށް ފަހު ސާޕްލަސްގެ ގޮތުގަ ހަބީބު ބޭންކުގައި ހުރި 540،150 ޑޮލަރު ސިވިލް ކޯޓަށް ޖަމާ ކުރުމަށް ހަބީބު ބޭންކުގެ މައްޗަށް އަމުރުކޮށް، އެ ފައިސާ އެއްވެސްް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ހިފެހެއްޓުމަށް އަމުރު ކޮށްދިނުމަށެވެ.

ސަބަބެއް ކަމަށް ދައުލަތުން ބުނެފައި ވަނީ، ބިގް ސްޓޯން އަކީ އުވާލުމުގެ މަރުހަލާގައި މިހާރު އޮތް ކުންފުންޏެއްކަން އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑް ތަކުން ދައްކާތީ، އެއީ ވިޔަފާރި ނުކުރާ ކުންފުންޏަކަށް ވުމާއި، މާގާ ފިޔަވައި އިތުރު އެސެޓެއް އެ ކުންފުނީގައި ނެތްއިރު، މާގާގެ ލީސްހޯލްޑް ރައިޓްސް ބަދަލު ކުރެވިފައި ވާތީ އާއި ދައުލަތުން ހުށަހަޅާފައިވާ މައުލޫއީ މައްސަލައަކީ މާގާއަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އާއި ކޮންވާޝަން ފީ ހޯދުމުގެ މައްސަލަ އަކަށް ވާތީއެވެ. މީގެ އިތުރުން މާގާ ވިއްކާލުމަށްފަހު ސާޕްލަސްގެ ގޮތުގައި ބޭންކުގައިހުރި ޑޮލަރު ބިގް ސްޓޯންއަށް ދޫކޮށްފިނަމަ މައުލޫއީ މައްސަލައިގައި ކުރާ ހުކުމް ތަންފީޒު ނުކުރެވޭފަދަ ހާލަތަކަށް ގޮސްދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މައުލޫއީ މައްސަލައިގެ ހުކުމް ތަންފީޒުގައި ބިގް ސްޓޯންގެ އިތުރު މުދަލެއް ނެތުމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބުމުގެ އިހުމާލު އޮތުމުން މާގާ ވިއްކާ ލުމަށްފަހު ސާޕްލަސްގެ ގޮތުގައި ހުރި ޑޮލަރު، މި މައްސަަލއިގެ މައުލޫއުގައި ވަކި ގޮތެއް ކަނޑައެޅުމާ ހަމައަށް ސިވިލް ކޯޓުގައި ހިފަހައްޓާވައި ބެހެއްޓުމަކީ ނުވަތަ ވަކި ފަރާތަކަށް ދޫނުކޮށް ބެހެއްޓުމަކީ މައުލޫއީ ދައުވާގެ ފަރުވާ ހިމާޔަތް ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.

 

ވަގުތީ އަމުރާމެދު އެއްވެސް އިއުތިރާޒެއް ނެތް ނަމަވެސް ރަހުނު ވިއްކާލުމުގެ މުއާމަލާތާ ގުޅިގެން ހަބީބު ބޭންކް ގެ މައްޗަށް ތަންފީޒު ކުރެވޭނެ އެއްވެސް ޤާނޫނީ ހައްގަކަށް އުނިކަން އަދި ހުރަހެއް ނާންނާނެހެން އަމުރު ނެރެދިނުމަށްވެސް  ބިގް ސްޓޯނުން ވަނީ އެދިފައެވެ. ހަބީބު ބޭންކުންވެސް ވަނީ އެކަމަށް އިއުތިރާޒު ނުކުރާ ކަމަށް ބުނެފައެވެ.

ވަގުތީ އަމުރުގެ މައްސަލަ ބެލުމަށްފަހު ކޯޓުން ބުނެފައި ވަނީ މާގާ ވިއްކާލުމަށް ފަހު ސާޕްލަސްގެ ގޮތުގައި ހަބީބު ބެންކުގައި ހުރި ޑޮލަރު ތިން ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ޖަމާ ކުރުމަށް ހަބީބު ބޭންކަށް އަންގައި އަމުރުކުރާ ކަމަށެވެ.

ހަބީބު ބޭންކަށް ނަގައި އެ ބޭންކުން މާގާ ވިއްކާލާފައި ވަނީ އެ ބިގް ސްޓޯންގެ ފަރާތުން އެ ބޭންކުން ނެގި ނޯލެއް ނުދެއްކުމުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *