282 މިލިއަން ރުފިޔާއަށް އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

282 މިލިއަން ރުފިޔާއަށް އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް، މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްފިއެވެ.

އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ. އެކަމުގެ އެއްބަސްވުމުގައި  އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަބްދުލް މަތީން މުހައްމަދެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދެވެ.

އެމްޑަބްލިޔުއެސްސީއާ އެ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 282 މިލިއަން ރުފިޔާއަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 2،000 ޓަނުގެ ތިން ތާންގީ އާއި 1،000 ޓަނުގެ ތިން ތާންގީ އާއި އެކު ޖުމްލަ ހަ ތާންގީ ބަހައްޓާނެ ކަމަށެވެ. އަދި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW100 ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް، ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW75 ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރާނެ ކަމަށެވެ.

މީގެއިތުރުން ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ޖުމްލަ ހަތަރު ތާންގީ ބެހެއްޓުމުގެ އިތުރުން ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި ސްޕެއަރ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *