ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނިކޮށް، ހުސްވެފައިވާ ގޮނޑިތައް ނުހިމަނަ ކޯރަމް ގުނުމަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހުސްގޮނޑި ނުލައި މަޖިލީހުގެ ކޯރަމް ގުނަން މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާ އިސްލާޙޫކޮށް އެގޮތަށް ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަންފެށީ ހުސްވި ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އެއީ ޤާނޫނު އަސާސީއާއި ޚިލާފު އިސްލާޙެއް ކަމަށްބުނެ އެއަށް އަމަލު ނުކުރަން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރާއި ގުޅިގެން، މަޖިލީހުން ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ ބަހުސް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުން އިސްލާޙު ގެނެސްފައި ވަނީ، މަޖިލީހުގެ ޤާނޫނީ އަދަދު ކަނޑައަޅާފައިވާ 49 ވަނަ މާއްދާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ހިމެނޭ، މަޖިލިސް ޤަވާއިދުގެ 202 ވަނަ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރާ ކޮމިޓީގެ ބައި ހިމެނޭ، ޤަވާއިދުގެ 203 ވަނަ މާއްދާއަށެވެ.
ޤަވާއިދުގެ 49 ވަނަ މާއްދާއަށް އިސްލާޙުގައި ވަނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މެންބަރުންގެ ގޮތުގައި އެވަގުތު ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިޚާބީ ދާއިރާއެއްގެ ގޮޑިއަށް މެންބަރަކު އިންތިޚާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިޚާބީ ދާއިރާއެއް ނުގުނޭނެ ކަމަށާއި ހިނގަމުންދާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީޚާއި ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިޢުލާން ކުރަންވާނެ ކަމަށްވެސް އެ އިސްލާޙުގައި ވެއެވެ.
ޤަވާއިދަށް މި އިސްލާޙު ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ޙުސައިން މުހައްމަދު ލަތީފް އިންތިޚާބު ވުމާއި، ސަރުކާރުގެ ސިޔާސީ މަގާމު ތަކަށް ވަޑައިގެންނެވުމަށް ހަ މެންބަރަކު މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސް ވުމުންނެވެ.
އެ ބޭފުޅުންނަކީ ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުހައްމަދު ލަތީފް އާއި ބަންޑާރަ ނައިބު ކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި އަޙްމަދު އުޝާމް އާއި މިހާރު ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިހާރުގެ ޑިފެންސް މިނިސްޓަރު ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދެވެ.
ޤާނޫނު އޮތް ގޮތުން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ދާއިރާ ތަކަށް މެންބަރުން އިންތިޚާބުވެސް ނުކުރެވޭނެތީއެވެ. ޤާނޫނު ބުނާ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތްނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮނޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
މިހާރު އޮތް ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އަންނަ މާޗު މަހުގެ 17 ގައެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން މަޖިލީހަށް ހުށަހަޅާފައި ވާތީ އެއަށްވުރެ މަހެއްހާ ދުވަސް ފަސްވުން އެކަށީގެންވެއެވެ. އެހެންކަމުން މަޖިލިސް ޤަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަމުން ގެންދަނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ.
އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ޢަޒުލު ކުރެވޭނެއެވެ. ޤަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ޢަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
ޤަވާއިދުގެ 202 ވަނަ މާއްދާ އާއި މަޖލިސް ގަވާއިދުގެ 203 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައި ވަނީ ޢަޒުލު ކުރުމުގެ މަރުޙަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
ނަމަވެސް އެކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް މިހާރު ކަނޑައަޅާފައި އޮތް ގޮތް ބަދަލުކޮށް އިސްލާޙުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. ރައީސާއި ނައިބު ރައީސަށް ދިފާޢުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާއިރު، ކުރެވޭ ތުހުމަތު ތަކުން ދިފާޢުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުން ކުރެވޭނެ ކަމަށާއި އެ މައްސަލަ ކޮމިޓީގައި ކުރިއަށްދާ އިރުވެސް ހާޒިރުވެވަޑައިގެން ޖަވާބު ދާރީވާން ފުރުސަތު ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ.
އެ އިސްލާޙުތައް މަޖިލީހުގެ ޤަވާއިދަށް ގެނަސްފައި ވަނީ، ޤާނޫނު އަސާސިއާއި ޚިލާފަށް ކަމަށްބުނެ ބަންޑާރަ ނާއިބުގެ ފަރާތުން އެ މައްސަލަ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެއީ ހުސްވި ޖެނުއަރީ މަހުގެ 28 ގައެވެ. ނަމަވެސް އެ މައްސަލައިގައި މައުލޫއީ ގޮތުން ގޮތެއް ކަނޑައަޅަންދެން، ހުސް ގޮނޑި ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނަން މަޖިލިސް ޤަވާއިދަށް ގެނައި އިސްލާހަށް އަމަލު ނުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ވަގުތީގެ އަމުރުގެ ރައުޔުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ވޯޓަކުން ގޮތެއް ނިންމައި، އެ ނިންމުމެއް ތަންފީޒު ކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫއަށް ގޮތް ކަނޑައެޅުމުގެ ކުރިން، މައުލޫއުގައި ހިމެނޭ ކަމުގެ މުއާމަލާތް ކެނޑިގެން ދިއުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަށް އެޓާރނީ ޖެނެރަލްގެ ފަރާތުން ބަޔާންކޮށްފައިވާ ކަމަށެވެ.
އެޓާރނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ހިމަނާފައިވާ ތާވަލުގައި ހަވާލާދީފައި ވަނީ ހުސޫމާތް އުފެދިފައިވާ "މަޖިލީހުގެ ޖުމުލަ މެމްބަރުން" ގެ ވޯޓަށް ބިނާކޮށް ފާސްވާންޖެހޭ ކަންކަމަށް އެކަނި ނޫންކަން ފާހަގަވާ ކަމަށާއި މައްސަލަ ހުށަހެޅި ފޯމުގައި ހިމަނާފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދުގެ މައްޗަށް ބިނާކޮށް ވޯޓުން ފާސްވާންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކާއިގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާކަން ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކޮށްފައި ނެތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް މައްސަލައިގައި ފާހަގަ ކޮށްފައިވާ އިސްލާޙުތައް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ކަމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެވުނު އިސްލާހަކީ ޤާނޫނު އަސާސީއާއި ޚިލާފު އިސްލާހެއް ކަމުގައި ބުނެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ލިބިފައި ވަނީ އެ އިސްލާހު ފާސްކުރިތާ އެއް މަސް ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
"މިއީ މުސްތަޤުބަލުގައި ޤާނޫނު އަސާސީއާއި ޚިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެ ކަމަށް ބަލައި، އެ އިހުތިމާލު ތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭތީ އާއި މިފަދަ ހުށަހެޅުމަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތަށް ބަސްބުނުމުގެ ފުރުސަތެއް ދިނުމަކާ ނުލައި، މިއީ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ފަދަ، އަދި ވަގުތީ ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް ކަމުގައި ބަލައިގަންނަން އަހުރެންނަށް ދައްޗެވެ،" ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ޝުޖޫންގެ ރައުޔަކަށްވީ މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ނުދިނުމަށެވެ. ފަނޑިޔާރުގެ ޝުޖޫންގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވައިފައެވެ.
އެ މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމަށާއި ސިޔާސީ ސުވާލުގެ މައްޗަށް ބިނާވާ ނިންމުން ތަކަކީ އެކަންކަމުގެ މައްޗަށް ކޯޓު ތަކުގެ އިހުތިސޯސް ނުހިނގާ ކަންކަން ކަމަށެވެ. މަޖިލިހުގެ ޤަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް ގެނެސްފައިވާ އިސްލާހު ތަކުގައިވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަށް ފަހުން ފައިސަލާ ކުރުމުގެ ފުރުސަތު ކޯޓުތަކަށް ނެތް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
"ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ޤަވާއިދަކުން ވިޔަސް ޤާނޫނު އަސާސީއާއި ހިލާފަށް އަމަލު ނުކުރެވޭނެ ހިނދު، މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އެބައޮތެވެ،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަށް، 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުނީއްސުރެ، ފާއިތުވި 15 އަހަރަށްވުރެ ދިގު މުއްދަތުގައި މަޖިލިހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައި ވަނީ ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގައި މަޖިލިހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ކަނޑައަޅާފައިވާއިރު، އަދި 87 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުންނަށް ނިންމުންތައް ނިންމޭނެ އަދަދާ ބެހޭ އިރުޝާދު ދީފައިވާއިރު، އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު މަޖިލީހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާ ތަކުގެ ކޯރަމް ބިނާ ވަނީ އެ މާއްދާތަކުގެ މައްޗަށް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް އިސްލާހު ގެނެސްފައި ވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ތުހުމަތުކޮށް ބަންޑާރަ ނައިބުގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވާތީ، އެ އިސްލާހު ތަކަށް އަމަލު ކުރުން މަޑުޖައްސާލަންޖެހޭ ކަމަށެވެ.
"އެހެނީ، ރައްޔިތުންގެ މަޖިލިހުގެ ޤަވާއިދުގެ 49 ވަނަ މާއްދާގެ(ކ)، (އ) އަދި (ވ) ގެ ދަށުން ބާއްވާ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމަނީ ޤާނޫނު އަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާމެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި، ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ނުވަތަ ކޯޓުން އެނޫން ގޮތަކަށް އަންގަންދެން، ފެށުނީއްސުރެ ރައްޔިތުންގެ މަޖިލިހުން އަމަލު ކުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމުގައި ދެކޭތީއެވެ. މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެކެވެ،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ވަގުތީ އަމުރަކަށް އެދި ހުށަހަޅާ އެންމެ އާދައިގެ އެހެނިހެން މައްސަލަތަކުގައިވެސް އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއް ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ބުރަވެވޭނަމަ، ވަގުތީ އަމުރުގެ ޖަވާބު ހުށަހެޅުން ލާޒިމެއް ނޫން ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދު ކުރައްވައިފައެވެ. އެހެންވެ ފަނޑިޔާރު އަޒްމިރަދާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ޤަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް ގެނެސްފައިވާ އިސްލާހު ތަކަށް މިވަގުތަށް އަމަލު ނުކުރުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލިހަށް އަންގާ ކަމަށް އަމުރު ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، ހުސްގޮނޑި ހިމަނައިގެން މަޖިލިސް ކޯރަމް ގުނަން ކޯޓުން ނިންމި ނިންމުމާމެދު މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަަމަށެވެ. މަޖިލީހުގެ މިއަދު ބަހުސް ހުޅުއްވާލާފައި ވަނީ އެކަމަށެވެ.
އެބަހުސްގައި ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންނުވެ، ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާޙާއި އެއްގޮތަށް މަޖިލީހުގެ ކޯރަމް ގުނުމަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ މުހައްމަދު ޝިފާޒެވެ. ތާއީދު ކުރެއްވީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ޤާސިމެވެ. އެގޮތަށް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.