ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ހެނދުނު ބާއްވަން ނިންމައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ހެނދުނު ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ ހަމަޖެހިފައެވެ. އެއީ މިއައަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އާއި ދެވަނަ ޖަލްސާއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނީ، މާދަމާ ހެނދުނު 9:00 ޖަހާއިރު ބާއްވާ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. މި ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެއަށްފަހު ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާނެއެވެ.

މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ލާޒިމްވެ ވަޑައިގަންނަވާ ބަޔާނެކެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެ ޖަލްސާ ނިންމަވައިލައްވާނެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ޤަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު، ޖަވާބު ދެއްވަންވެސް ޖެހިވަޑައިގަންނަވާނެއެވެ.

ދެވަނަ ޖަލްސާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ މެންދުރުފަހު ދޭއްޖަހާއިރުއެވެ. އެޖަލްސާއަށް ދެ ކަމެއް ވަނީ އެޖެންޑާ ކޮށްފައެވެ.

އެއީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައީސް މުހައްމަދު މުއިއްޒު އަލުން ހަމަ އެ ބޭފުޅުން ތިއްބެވި މަގާމުތަކަށް އައްޔަން ކުރެއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ  މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހަޅުއްވާ ޤަރާރުގެ ފުރަތަމަ ކިއުން އިއްވުމާއި، އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާބެހޭ އާއްމު ޤާނޫނަށް އިސްލާހު ގެންނަވުމަށް، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *