ރައީސް ވިދާޅުވަނީ އާ މާރުކޭޓު އެޅުމުން ބިދޭސީންގެ މައްސަލަ ހައްލުވާނެ ކަމަށް

ރައީސް ވިދާޅުވަނީ އާ މާރުކޭޓު އެޅުމުން ބިދޭސީންގެ މައްސަލަ ހައްލުވާނެ ކަމަށް

މާލޭގެ ލޯކަލް މާރުކޭޓު އެންމެ ޒަމާނީ ފެންވަރުގައި ހެދި އެތަން ބޭނުން ކުރެވެން ފެށުމާއެކު މިހާރު ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ލޯކަލް މާރުކޭޓްގައި ދިމާވާ މައްސަލަތަކާ ބެހޭގޮތުން، ގޮޅިއެއް ހިންގަމުން އަންނަ އަބްދުﷲ އިބްރާހިމް ވީޑީއޯ މެސެޖަކުން ފާޅު ކޮށްފައިވާ ކަންބޮޑުވުންތަކަށް، ރައީސް މުއިއްޒު ދެއްކެވި ޖަވާބުގައެވެ.

"އެ މައްސަލައަކީ ސަރުކާރުތެރެން ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް ތަނުގައި ހައްލުވެގެން ދާނެކަމެއް. އާ މާރުކޭޓް އެެޅިގެން ދާއިރުގައި އެއްކޮށް ތިކަން ހައްލުވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭ ލޯކަލް މާރުކޭޓު ދެން ހަދާނީ ހަތަރު ބުރިއަށް ކަމަށެވެ. އަންނަ އޭޕްރީލް މަހުގެ ތެރޭގައި މަސައްކަތް ފެށޭވަރުވާނެ ކަމަށާއި، އަދި އެތަން ނިމޭއިރު އެތަން ހުންނާނީ ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި މާރުކޭޓްތައްވެސް ހުންނަ ފެންވަރަށް ކަމަށެވެ. އެގޮތުން އެ ތަނުގައި މަސްމާރުކޭޓު، ލޯކަލް މާރުކޭޓުވެސް ހިމެނޭހެން، ދަތުރުވެރިންގެ މާރުކޭޓްގައި ވިއްކާ ތަކެތި ވިއްކޭ ކަހަލަ ޖާގަވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެތަނުގެ ބޭސްމެންޓުގައި އުޅަނދުތައް ޕާކް ކުރުމަށް އެކަށީގެންވާ ޖާގަވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"އެ މާރުކޭޓްގެ މަސައްކަތް ރޯދަމަސް ނިމިގެން އޭޕްރީލް މަހުގެ ތެރޭގައި މިހާރު ހުރި ލޯކަލް މާރުކޭޓް ރޫޅާލައިފައި އެތަނުގައި ފެށީގެންދާނެ. އެތަން އަޅާއިރު ތިބޭފުޅުން ވަގުތީ މާރުކޭޓަކަށް ބަދަލުވެގެންދާނެ. އެހެންވީމާ ތި މައްސަލައަށް ހައްލެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

އަބްދުﷲގެ މެސެޖުގައި ބުނީ މާރުކޭޓުގެ ގޮޅިތައް ދިވެހިން ނެގުމަށްފަހު ބޮޑު އަގުގައި ކުށްޔަށްދީ، ނާޖާއިޒް ފައިދާ ނަގަމުން އަންނަ ކަމަށެވެ. އަދި އެތަނުގައި އެންމެ ބޮޑު އުދަނގުލަކަށް ވެފައި ވަނީ ބިދޭސީން މާރުކޭޓު ތެރޭގައި ވިޔަފާރި ކުރުންކަން އޭނާ ފާހަގަ ކުރިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *