ޖަލު އެންޓަނާއަށް ލިބޭ ފުރިހަމަ މައުލޫމާތު ފުލުހުންނަކަށް ނުދޭ: އިމްރާން

ޖަލު އެންޓަނާއަށް ލިބޭ ފުރިހަމަ މައުލޫމާތު ފުލުހުންނަކަށް ނުދޭ: އިމްރާން

މާފުށީ ޖަލުގައި ތިބި ގައިދީން ހިންގާ ސްކޭމްތައް ހުއްޓުވަން ޖަލުގައި ހަރުކޮށްފައިވާ އެންޓަނާ އަށް ލިބޭ މައުލޫމާތު ޖަމާވަނީ މުއާސަލާތީ ހިދުމަތް ދޭ ދިރާގާއި އުރީދޫގެ ސާވާތަކަށް ކަމަށާއި ނަމަވެސް އެ މައުލޫމާތު ފުރިހަމައަށް ފުލުހުންނާ ހިއްސާ ނުކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.

ޖަލުގައި ހިންގާކަމަށް ބުނާ ސްކޭމް ފޯނުކޯލުތައް ހުއްޓުވުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ލިޔުމުން ސާފުކުރެއްވުމަށް މިނިސްޓަރާއި ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ. ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުގައި ބޭނުންކުރި 10 އައިޕީ އާއި 12 ވެބްސައިޓް މިއަހަރުގެ މިހާތަނަށް ބްލޮކްކޮށްފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ސްކޭމްތަކުގެ މައްސަލަ ހައްލުކުރުމަށް މި އަހަރު ޖަލުގައި އެންޓަނާއެއް ހަރުކޮށްފައިވާ ކަމަށާއި ނަމަވެސް ފޯނުތަކުގެ މައުލޫމާތު ޖަމާވަމުން އަންނަނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސާވާތަކަށް ކަމަށެވެ. ދިރާގާއި އުރީދޫ އިން ފުލުހުންނަށް އެ ކޯލް ރެކޯޑުތަކުގެ ފުރިހަމަ މައުލޫމާތު ފޯރުނުކޮށްދޭ ކަމަށާއި ހިއްސާކުރާ މައުލޫމާތު ވެސް އެކި ފޯމެޓުތަކުގައި ހުރުމުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމްވާ ގާނޫނެއް އޮތުން މުހިންމު ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖަލު ތެރޭގައި ގައިދީން ބޭނުންކުރާ ނަންބަރުތަކާއި އަދި އެހެން ނަންބަރުތައް ވަކިކުރުމަށް ކަރެކްޝަނަލްގެ އޮފިސަރުން ބޭނުންކުރާ ފޯނުތަކާއި ފޯނު ނަންބަރާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރަމުންދާ ކަމަށެވެ.

މިއިން މައުލޫމާތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަންވެސް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފުލުހުންގެ ހިދުމަތާ ދަނީ ހިއްސާކުރެވެމުން.

– އިމްރާން ވިދާޅުވިއެވެ.

ރަޖިސްޓްރީ ނުކުރާ ސިމް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރުމާއި އެކަމާ ގުޅުން ހުރި މައްސަލަތައް ގިނަވާތީ ދާދި ފަހުން ވަނީ ޕްރީ އެކްޓިވޭޓަޑް ސިމް ކާޑު ވިއްކުން މަނާކޮށްފައެވެ. މީގެ އިތުރުން ކޮންމެ މީހެއްގެ ނަމުގައި މޮބައިލް ސިމް ކާޑު ނެގޭ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކެމް އިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *