ކޯލިޝަން ހެދުމާއި ގުޅޭގޮތުން ރައީސް ޞާލިހު މިއަދު މައުމޫނާއި ބައްދަލު ކުރަނީ

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ރައީސް ޞާލިހު މިއަދު މައުމޫނާއި ބައްދަލު ކުރަނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއިއެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޒައީމް މައުމޫނާއި، ރައީސް ޞާލިހު މިއަދު ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއާރުއެމްގެ ބޭފުޅަކު ވިދާޅުވީ ރައީސް ޞާލިހު އެދި ވަޑައިގެންނެވީ ރައީސް މައުމޫނާއި ވަކިން ބައްދަލު ކުރެއްވުމަށްކަމަށެވެ. މިބައްދަލުވުމުގައި އެމްއާރުއެމްއިން އިތުރު ބޭފުޅަކު ބައިވެރިވަޑައި ނުގަންނަވާނެއެވެ. މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުގައި ބާއްވާ މިބައްދަލުވުމުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއާރުއެމްގެ ޒައީމާއި ރައީސް ޞާލިހު މިއަދު ބައްދަލު ކުރައްވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއިވެސް ކޯލިޝަން ހެދުމާއި ގުޅޭގޮތުން ރައީސް ޞާލިހު ބައްދަލު ކުރެއްވިއެވެ. ނަމަވެސް އޭގެ ފަހުން ޖުމްހޫރީ ޕާޓީން ނިންމީ އެޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަ ކުރުމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވާއިރު، އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެ ޕާޓީއަށް އޮތީ ދައުވަތު ދީފައެވެ.

ރިޔާސީ އިންތިޚާބުގެ މަޝްވަރާ އެމްއާރުއެމްއާއިއެކު ބޭއްވި ނަމަވެސް އެމްއާރުއެމްއިން ރައީސް ޞާލިހާއިއެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރައްވާނެކަމަކަށް ނުބެލެވެއެވެ. އެޕާޓީގެ ސަޕޯޓަރުން ގެންދަނީ ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތަފާތު އެކި ޝުއޫރުތައް ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާ ކުރަމުންނެވެ. އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީން އެކަންޏެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް އިއްވާފައިވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *