ރަމަޟާން މަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން: ޚުތުބާ

ރަމަޟާން މަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން: ޚުތުބާ

މާތް ވެގެންވާ ބަރަކާތްތެރި ރަމަޟާން މަހާއި ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ މުސްލިމުންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ އަދި ބަރަކާތުން ފުރިގެންވާ މެހްމާނެއް ކަމަށެވެ. މި މަތިވެރި މެހްމާނަށް އަހަރުމެން އެކަށީގެންވާ އިސްތިގުބާލަކުން އިސްތިގުބާލް ކުރަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ. އަދި އެންމެ ފުރިހަމަ މެހްމާންދާރީއެއް އަދާކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައިވެއެވެ.

ބަރަކާތްތެރި މައްސަރާ ކުރިމަތިލާ އިރު، އަހަރުމެން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުމެވެ. އަހަރުމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށް ފާފަތަކުން ދުރުހެލިވެ، ހަޔާތް، އާހަޔާތަކަށް ބަދަލުކޮށް އިސްލާހް ކުރުމާއެކު މި މަތިވެރި މެހްމާނާ ބައްދަލު ކުރުމެވެ.

– ހުތުބާގައިވެއެވެ.

މި ބަރަކާތްތެރިވެގެންވާ މައްސަރުގެ ދުވަސްތަކާ މުސްލިމުން ކުރިމަތިލާންވާނީ ފުރިހަމަ އީމާންކަމާއެކު އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދޭ ހާލުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ރަމަޟާންމަހަކީ ތަގުވާވެރިކަމަށް ވާސިލްކޮށްދޭ ހުރިހާ ސަބަބުތައް ޖަމާވާ މަތިވެރި މައްސަރެއް ކަމަށާއި، އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި ހީވާގިވެ، ވަރުގަދަ އަޒުމެއްގައި މި މައްސަރާ ކުރިމަތިލާންޖެހޭކަމަށް ބުނެފައިވެއެވެ.

ރޯދައަށް ތައްޔާރުވުމަށް ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަންނަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ސަވާބާއި ދަރުމަ ލިބޭގޮތަށް ރޯދަ ހިފަން ދަސްކުރަންޖެހޭ ކަމަށާއި، އެއީ ރޯދައިގެ ހިސާބެއްނެތް މަތިވެރިވެގެންވާ އަޖުރު ލިބިގަތުމަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތްރަސްކަލާންގެ ވަހީ ބަސްފުޅުތަކާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކާ ހަވާލާދީ ހުކުރު ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހާ މުސްލިމުން ކުރިމަތިލާން ވާނީ އެ މައްސަރުގެ ތަރުބަވީ މަދަރުސާ އިން ނަފްސު އިސްލާހުކޮށް އެ ނަފްސަށް ދިރުން ގެނެސްދީ، ހަޔާތުގެ އާ ސަފްހާތަކެއް ހުޅުވާލުމުގެ އަޒުމާއެކު ކަމަށެވެ.

ނަފްސު ހެޔޮ ކަންކަމަށް ތަރުބިއްޔަތުކޮށް ހޭނުވުމަށް މިއަށް ވުރެ ވަކި މަތިވެރި ރަނގަޅު ދުވަސްތަކެއް ލިބޭނެ ހެއްޔެވެ؟

– ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަހަކީ ތަގުވާވެރި ކަމަށް ވާސިލްކޮށްދޭ ހުރިހާ ސަބަބުތަކެއް ޖަމާވާ މަތިވެރި މައްސަރެއް ކަމަށެވެ. އަދި ނަފްސުގައި ޖެހިފައިވާ ލައްތައް ފިލުވައި އެ ނަފްސު ތާހިރު ކުރުމަށް މި މައްސަރާ ކުރިމަތިލާ ބަޔަކަށް އަހަރުމެން ވާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ރޯދައިގެ މަތިވެރި ސަވާބު ހޯދުމަށް ހާރު ކެއުން ވީހާވެސް ފަސް ކުރުމާއި ރޯދަ އަށް ހުންނަ އިރު ފަރުޟު ނަމާދުތަކަށާއި ތަރާވީހް ނަމާދާއި ރަވާތިބް ސުންނަތްތަކަށް ރައްކާތެރިވުމާއި ކީރިތި ގުރުއާން ކިޔެވުމާއި ގިނަ ގިނަ އިން ދުއާ ކުރުމާއި އަނބިދަރީންނާއި މައިންބަފައިންނާއި ގާތް ތިމާގެ މީހުންނަށް އެހީތެރިވުމާއި ސަދަގާތް ކުރުމާއި ރޯދަ ވީއްލުން އަވަސް ކުރުމާއި ރޭ އަޅުކަން ކުރުން ހިމެނެއެވެ.

ހުތުބާގައި ވަނީ ރޯދަ މަހަކީ ހަމައެކަނި ކެއުމާއި މަޖާ ކުރުމުގެ ބަދަލުގައި އެ ދުވަސްތަކަކީ ދުންޔަވީ ގޮތުންނާއި އުހުރަވީ ގޮތުން ފައިދާ ހުރި، ބޭނުންތެރި، ރޭތަކާއި ދުވަސްތަކަކަށް ހެދުމަށް ގޮވާލައިފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޞާން މަހުގެ ފުރަތަމަ ދުވަހަކީ މިފެށޭ ހަފްތާގެ ބްރާސްފަތި ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *