މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23: ރައީސް މައުމޫން

މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23: ރައީސް މައުމޫން

ފަލަކީ ހިސާބުން ދައްކާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުުވަހަކީ މާޗް މަހުގެ 23 ވާ ބުރާސްފަތި ދުވަސް ކަމުގައި ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ވިދާޅުވީ ހިނގަމުން މިދާ ޝަޢުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށެވެ. ކަމާބެހޭ ހިސާބު ޢިލްމުވެރިން ކަށަވަރު ކޮށްދޭ ގޮތުގައި، މި ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސެއެވެ. އެއީ ހަމައެކަނި ރާއްޖެއަކަށް ނޫން ކަމަށާއި، ގާތްގަނޑަކަށް ދުނިޔޭގެ ހަމަ ހުރިހާ ހިސާބެއްހެން ހިމެނޭ ގޮތަށް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ހުރިހާ އިސްލާމީ ޤައުމަކަށާއި، ވަށައިގެންވާ އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ޤައުމަކަށްވެސް އެދުވަހުގެ އިރު ނޯއްސި ހުއްޓާ ހަނދު އޮއްސޭނެ ކަމަށާއި، މިސާލަކަށް، ރާއްޖެއަށް އެދުވަހު އިރުއޮއްސުމުގެ 9 މިނެޓު ކުރިން، ސަޢޫދީ އަރަބިއްޔާގެ މައްކާއަށް ވެސް 9 މިނެޓު ކުރިން، މިސުރަށް 10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކީގެ އިސްތަންބޫލަށް 14 މިނެޓު ކުރިން، މޮރޮކޯގެ ރަބާޠަށް 4 މިނެޓު ކުރިން، ހަނދު އޮއްސޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އަޅުގަނޑު ބެލި ބެލުމުން އެނގުނު ގޮތުގައި އެދުވަހު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސެނީ ހަމައެކަނި ދެކުނު އެފްރިކާގެ ކޭޕް ޓައުން ސަރަޙައްދަށާއި، އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަޙައްދަށް.

– ރައީސް މައުމޫން ވިދާޅުވިއެވެ.

މިކަންކަމަށް ބަލައި، ވިދިގެން އަންނަ މާރިޗު މަހުގެ 22 ވާ ބުދަ ދުވަހަކީ، ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވާނީ ހަމަ އެކަނި އެ ދެ ސަރަޙައްދަށް ކަމަށާއި، އެހެން ހުރިހާ ސަރަޙައްދަކަށް އެދުވަސް ވާނީ ޝަޢުބާން މަހުގެ 30 ވަނަ ދުވަހަށް ކަމަށް ރައީސް މަުއމޫން ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހަށް ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅިވީ މިއީ ފަލަކީ ހިސާބުން ދައްކާ ގޮތް ކަމުގައި ކަމާބެހޭ މާހިރުންވެސް ބުނާ ގޮތްކަމުގައެވެ. ރައީސް މައުމޫނަކީ އެމަނިކުފާނުގެ ރައީސްކަމުގައިވެސް އަދި މިހާރުވެސް ފަލަކީ ހިސާބަށް މޮޅު ދީނީ އިލްމުވެރިއެކެވެ. އަދި ކޮންމެ ރަމަޞާން މަހަކު ރަމަޟާން މަހުގެ ރޭތައް އިހިޔާ ކުރުމާއި، ދީނީ ނަސޭހަތް ދިނުންފަދަ ޕްރޮގުރާމުތައް އެމަނިކުފާނު އިސްނަންގަވައިގެން ކުރިއަށް ގެންދަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *