ރިޔާސީ ބަޔާން 2023: އިޤްތިޞާދު ދެގުނަވާނެ، 2028 ވަނަ އަހަރު ނިމޭއިރު އާމްދަނީ 45 ބިލިޔަނަށް!

ރިޔާސީ ބަޔާން 2023: އިޤްތިޞާދު ދެގުނަވާނެ، 2028 ވަނަ އަހަރު ނިމޭއިރު އާމްދަނީ 45 ބިލިޔަނަށް!

ދިވެހިރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރެވި 2028ވަނަ އަހަރު ނިމޭއިރު ދައުލަތަށް ލިބޭ އާމްދަނީ 45 ބިލިޔަނަށް އަރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ މިކަން ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2028ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިޔަނަށް އިތުރުވާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން 2028 ވަނަ އަހަރު 177 ބިލިޔަން ރުފިޔާއަށް ގެންދެވޭނެކަމަށާ، ދައުލަތަށްލިބޭ އާމްދަނީ، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީޚުގައި ކުރިމަތިވި އެންމެބޮޑު އިޤްތިސާދީ ގޮންޖެހުންތައް ތަޙައްމަލް ކުރަންޖެހުނު ތިން އަހަރުކަމަށެވެ. އަދި، ކޯވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމާއެކު ދިވެހި ރާއްޖޭގެ އިޤްތިޞާދު ހުއްޓިގެން ދިޔަ ނަމަވެސް ސަރުކާން އެޅުއްވި ދުރުވިސްނޭ ހަރުދަނާ ފިޔަވަޅުތަކާއި އަދި، ކުރަން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ހަޤީޤަތްތަކެއް ފެންނަ ކަމަށާއި، ފެންނަނީ ދިވެހިރާއްޖޭގެ ޙާލަތު ރަނގަޅު އިޤްތިޞާދެއްގެ މައްޗަށް ބިނާވާ މަންޒަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2028 ވަނަ އަހަރާއި ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށާއި، އެގޮތަށް އެކަން އެވަނީ، މިއަދު ފަށައިގެން، ހިންގަމުން، ނިންމަމުން މިދާ މަޝްރޫޢުތަކުގެ ސަބަބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެއީ 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިޔަން ރުފިޔާ ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިޔަން ރުފިޔާއަށް ގެންދެވޭނެ ކަމުގައެވެ. އަދި، އިޤްތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށް ލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާރު ތަންފީޒު ކުރަމުން މިދާ މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ އެ ނަތީޖާ ޙާޞިލްކުރުމަށް ކަމަށެވެ. އަދި، އިޤްތިޞާދަށް ގެނެވޭ މި ކުރިއެރުމާއި އެކުގައި ލިބޭ ނަތީޖާއަކީ، ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި، އާ ސިނާޢަތްތައް އުފެދި، މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތިގެން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *