ހަލުވިކަމާއެކު ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުވާން އެދިއްޖެ

ހަލުވިކަމާއެކު ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުވާން އެދިއްޖެ

މާލެ އާއި އަތޮޅު ތެރޭގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މި ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި، ބަލީގެ އަލާމަތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.

ހޭންޑް، ފުޓް އެންޑް މައުތު އަކީ ކުޑަކުދިންގެ މެދުގައި ވަރަށް ބާރަށް ފެތުރޭ މޫސުމީ ބައްޔެކެވެ. ވައިރަސްއަކުން ޖެހޭ، ގައިންގަޔަށް އަރާ މި ބަލި ބައެއް ފަހަރު ބޮޑެތި މީހުންނަށް ވެސް ޖެހެ އެވެ. ބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު މުޅި ގަޔަށް ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ބަލީގެ އަލާމަތްތައް:

• ހުން އައިސްް ބޮލުގައި ރިއްސުން.
• އަތްތިލަ އާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށް ފަހު ފެން ފޮޅަކަށް ބަދަލުވުން.
• ކަރުތެރެ ފާރުވުން.
• ވަރުދެރަވުން.
• ކާ ހިތްނުވުން.

މި ބައްޔަށް ވަކި ފަރުވާއެއް ނޯވެއެވެ. އެކަމަކު ބަލިން ފަސޭހަވުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

އޭގެ ތެރޭގައި:

• ގިނައިން ދިޔާ ތަކެތި ބޭނުންކުރުން.
• ހުން އައުމުން ހުމަށް ބޭސް ކެއުން.
• ބިހިތަކުގައި ކެލަމިން ލޯޝަން ނުވަތަ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭހެއް ހޭކުން.
• ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވާ ނަމަ ޑޮކްޓަރަށް ދެއްކުން.

މިދިޔަ ޖުލައި މަހުން ފެށިގެން ރާއްޖޭގައި އާންމު ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ޑެންގީ އާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ފަދަ ބަލިތައް ހިމެނެއެވެ. ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވެ، ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިއުމަށާއި ބޭނުން ކޮށްފައި ހުންނަ ޓިޝޫއާއި ނެޕީ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *