މީރާއަށް ސެޕްޓެމްބަރުމަހު ލިބުނު އާމްދަނީ 29 އިންސައްތަ ދަށަށް

މީރާއަށް ސެޕްޓެމްބަރުމަހު ލިބުނު އާމްދަނީ 29 އިންސައްތަ ދަށަށް

ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު މީރާއަށް ލިބުނު އާމްދަނީ 29 އިންސައްތަ ދަށަށް ހިގައްޖެއެވެ.

މީރާއިން ހާމަ ކޮށްފައިވާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުމަހު މީރާއަށް ލިބުނު އާމްދަނީ ބޮޑު އަދަދަކުން ދަށަށް ދާން މެދުވެރިވީ ސަބަބަކީ އިންކަމް ޓެކްސްއާއި އަދި ޓުއަރިޒަމް ލޭންޑް ރެންޓްގެ ލިޔެކިޔުންތައް ބަލައިގަތުމުގެ މުއްދަތުތަކަށް އައިސްފައިވާ ބަދަލެއްގެ ސަބަބުންނެވެ.

މިގޮތުން، 2021 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް އިންކަމް ޓެކްސް ޕޭމަންޓްތައް ބަލައިގަތުން މީރާއިންވަނީ އެއަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ފަސް ކޮށްފައެވެ. އެހެންނަމަވެސް މިހަރުގެ ފުރަތަމަ އިންޓެރިމް އިންކަމް ޓެކްސް ޕޭމަންޓްތައް ބަލައިގަތުމުގައި މުއްދަތު އިތުރު ކޮށްފައި ނުވާތީ، އިންކަމް ޓެކްސްގެ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުމަހު ލިބުނުކަމަށް ދައްކާ އަދަދު ދަށަށް ގޮސްފައިވާކަން މީރާއިން ފާހަގަ ކޮށްފައި ވެއެވެ.

ސެޕްޓެމްބަރުމަހު މީރާއަށް ލިބިފައިވާ އާދަނީ ދަށްވެގެން ދިއުމުގެ ބޮޑުބައެއް ހިއްސާ ކޮށްފައިވަނީ ޓުއަރިޒަމް ލޭންޑް ރެންޓްއިން ލިބުނު އާމްދަނީ ވަރަށް ބޮޑަށް ފާއިތުވި ސެޕްޓެމްބަރުމަހު ދަށަށް ދިއުމާއި ގުޅިގެންނެވެ. މީރާއިން ހާމަ ކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރުމަހު ޓުއަރިޒަމް ލޭންޑް ރެންޓްއިން ލިބުނު އާމްދަނީ ދަށަށް ދާން މެދުވެރިވީ ސަބަބަކީ 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓުުއަރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ މުއްދަތު މިއަހަރުގެ އޮކްޓޯބަރުމަހަށް އިތުރު ކުރުމާއި ގުޅިގެންނެވެ. މުއްދަތު އިތުރު ކޮށްފައިވަނީ ރެންޓް ދައްކަންޖެހޭ ތާރީޚު ސަރުކާރު ބަންދު ދުވަސްތަކާއި ފުށުއެރުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް، މީރާއިން ހާމަ ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުމަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވަނީ 11 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ. މި ކުރިއެރުން އައިސްފައިވަނީ ނޮން ރެސިޑެންޓް ވިތުހޯލްޑިން ޓެކްސިންނާއި ކޯޕަރޭޓް އިންކަމް ޓެކްސްގެ އިތުރުން ޓީޖީއެސްޓީންނާއި ޖީޖީއެސްޓީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *