ދަރަނި ނަގައިގެންވެސް މިކުރަނީ ދަރިންގެ ދަރިންނަށްޓަކައި ކުރާ މަސައްކަތްތަކެއް: ފައްޔާޒު

ދަރަނި ނަގައިގެންވެސް މިކުރަނީ ދަރިންގެ ދަރިންނަށްޓަކައި ކުރާ މަސައްކަތްތަކެއް: ފައްޔާޒު

ސަރުކާރުން ދަރަނި ނަގައިގެންވެސް ކުރަމުންދާ މަސައްކަތްތަކަކީ ދަރީންގެ ދަރީންނަށްޓަކައި ކުރަމުންސާ މަަސައްކަތްތަކެއް ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ބައިނަލް އަގުވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިސަރުކާރުން އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކުގައިވެސް ތަރައްޤީގެ އެއްވެސް މަޑުޖެހުމެއްނެތި މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދެމުންދާކަމަށެވެ.

ސަރުކާރުން ޤައުމުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ނަގާ ދަރަންޏާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިސަރުކާރުން ދަރަނި ނަގައިގެން ކުރަނީ ދަރީންގެ ދަރީންގެ މަސައްކަތް ކަމުގައެވެ. ރާއްޖެއަކީ އަމިއްލަ ތަނަވަސްކަން ހުރެގެން ބޮޑެތި މަޝްރޫޢުތައް ހިންގޭފަދަ ޤައުމަކަށް ނުވުމުން ލޯނު ނަގައިގެން ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކޮށްދިނުމަކީ މިސަރުކާރުން ކުރާނެ ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ދަރަނި ނެގޭނެ ގާބިލްކަން އެބަހުރި، ރާއްޖޭގެ އިޤްތިޞާދު މިދަނީ ބާރަށް ކުރިއަށް. މިއަދު މިއޮތީ ކުރީގައި އޮތް ހާލަތަށް ޓުވަރިޒަމްވެސް ކުރިއަރާފަ. ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މިކަންކަން ކުރުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަމޭ.

– ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތްތުގެ ބޮޑުބައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ނިންމާނެކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވެފައިވާ ވައުދުތައް ފުއްދައި ރައްޔިތުންގެ އިތުބާރު ހޯދަން ކަމަށާއި، އެކަން ވަރަށް ރަނގަޅަށް ވަމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިއަދު ދަރަނީގައިވެސް ކަންކަން ކުރަނީ އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް އައިސް އުޅެންޖެހޭ ދަތި ހާލަތު ބަދަލު ކުރުމަށްކަމަށްވެސް ފައްޔާޟު ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މިއާއެކު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިނާރާ ސަރަޙައްދުތަކަށް އެ ސިނާޢަތް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އެގޮތުން ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް އެއަރޕޯޓެވެ. 2012 ވަނަ އަހަރު އިންޓަރނޭޝަނަލް ފެންވަރަށް އެއަރޕޯޓް އަޕްގްރޭޑް ކުރިނަމަވެސް މިއަދާ ހަމައަށް އެއަރޕޯޓުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއްނުވެއެވެ. އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް ހަނިމާދޫ އެއަރޕޯޓު ޒަމާނާ އެއްވަރަށް ތަރައްޤީވެފައި ނެތުންކަން އުތުރުގެ ރައްޔިތުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *