ޔޯގާ ނުހެދެންޏާ ފުޓު ބޯޅަވެސް ކުޅެވިގެން ނުވާނެ: މައުމޫން

ޔޯގާ ނުހެދެންޏާ ފުޓު ބޯޅަވެސް ކުޅެވިގެން ނުވާނެ: މައުމޫން

އިންޑިއާގެ ހިންދޫންގެ ޚާއްސަ ކަސްރަތެއް ކަމުގައިވާ އަދި ހިންދޫންގެ ދީނީ އަޅުކަމެއްކަމުގައިވެސް ގިނަބަޔަކު ގަބޫލުކުރާ ޔޯގާ ނެހެދޭ ކަމަށްވަންޏާ ފުޓުބޯޅަ ކުޅުންވެސް އެ ބީދައިން ހުއްދަ ނުވާނޭކަމުގައި، ދީނީ އިލްމުވެރިޔާ، ކުރީގެ ރައީސް މައުމޫން ވިދާޅު ވެއްޖެއެވެ.

ވީޓީވީން ރޭ ގެނެސްދިން "ބޮޑު ފެންޑާ" ޕްރޮގްރާމްގައި ވާހަކަ ދައްވަމުން މައުމޫން ވިދާޅުވެފައިވަނީ ފުޓް ބޯޅައަކީ ހުޅަނގުން ތައާރަފް ކުރި ކުޅިވަރެއް ކަމަށާއި، އެމީހުންނަކީވެސް މުޝްރިކުން ކަމުގައެވެ. އެހެންކަމުން، ހިންދޫންނަކީ މުޝްރިކުން ކަމުގައިވެގެން، ހިންދޫންގެ ޔޯގާ ނެހެދޭ ކަމަށް ވަންޏާ ފުޓުބޯޅަ ކުޅެވެންވީ ސަބަބެއް އެބައޮތްތޯ މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.

ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެކީއްވެތޯ ގޯސްވާންވީ. މިސާލަކަށް ބަޔަކު ބަޔަކު ބުނެފާނެ ޔޯގާއަކީ ހިންދީ ދީނުގެ (މީހުން ކުރާކަމެކޭ). ހިންދީ ދީނުގެ މީހުންނަކީ މުޝްރިކުންނޭ. ޝިރުކުކުރާ ބައެކޭ. އެމީހުން ކުރާ ކަމެއް ކޮށްގެންނުވާނެއޭ. އޭގެ ޖަވާބުގައި ދަންނަވަން އޮތީ ފުޓުބޯޅަ ކިހިނެތްތޯއޭ ވަނީ. ފުޓުބޯޅައަކީ ހުޅަނގުގެ އުފެއްދުމަކަށްވަންޏާއި ހުޅަނގުގެ ގައުމުގެ މީހުންނަކީ ވެސް ހަމަ މުޝްރިކުން. އެހެންވީމަ ފުޓުބޯޅަވެސް ކުޅެގެންނުވާނެތާ. ކްރިކެޓްވެސް ކުޅެގެން ނުވާނެތާ. ޔޯގާވެސް ނުހެދޭ ކަމަށްވަންޏާއި މި ދެންނެވީ. އެދެން ދެކޮޅު ޖެހޭ ވާހަކައެއް ނޫން އެ ދައްކަނީ.

ވީޓީވީގައި ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވެފައި ވެއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުމޫން ވަނީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ހައިސިއްޔަތާމެދުވެސް ސުވާލު އުފައްދަވާ ވާހަކަ ދައްކަވާފައެވެ. މައުމޫން ވިދާޅުވި ގޮތުގައި އެމަނިކްފާނުގެ ވެރިކަމުގައި ދީނީ އެއްބައްވަންތަކަމުގެ ގާނޫނުގައި ދީނީ އިލްމްވެރިއަކަށް ވާނީ ސަރުކާރުން ގަބޫލުކުރާ ޔުނިވަރސިޓީއަކުން މަތީފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

މިގޮތުން ބަލާއިރު، ހަމަ ކުއްލިއަކަށް ތިމާއަކީ ދީނީ އިލްމުވެރިއެއް ކަމުގައި ކަނޑައެޅިދާނެތޯވެސް މައުމޫންވަނީ ސުވާލު ކުރައްވާފައެވެ.

އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މީ ދީނީ އިލްމްވެރިއެއްތޯ. ކޮންމެވެސް ޔުނިވަރސިޓީއަކުން އެއްއަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، ދީނީ ވައްތަރުގެ، މި ދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނީމަ އެ ދީނީ އިލްމްވެރިއަކަށްވީތޯ. އެއީ ދީނީ އިލްމްވެރިއަކަށްވީއެއް ނޫނޭ.

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ހައިސިއްޔާތާމެދު ސުވާލި އުފައްދަވަމުން މައުމޫން ވިދާޅުވެފައި ވެއެވެ.

ޔޯގާއަކީ ހިންދޫންގެ ދީނީ އަޅުކަމެއް ކަމަށް ސިފަކޮށް، އެއީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް، މައުމޫން މީގެ ކުރިންވެސްވަނީ، ޔޯގާއަކީ އިސްލާމް ދީނުގައި ހަރާމްކަމެއް ނޫންކަމުގައި ވިދާޅުވެފައެވެ.

ޔޯގާފަދަ ސިއްޙީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހި ކުރިމަށްޓަކާ ކުރާ ކަސްރަތުތަކާއި ލަވަ ކިޔުމާއި މިއުޒިކް ކުޅުންފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތްކަމުގައި މީގެކުރިން މައުމޫން ވިދާޅުވެފައިވަނީ، “ހަރާމްވާނީ ހަމައެކަނި ﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ.” މިމައުޟޫޢުގެ މައްޗަށް އެމަނިކްފާނު ކުރެއްވި ދިރާސާއެއްގެ މައްޗަށް މައުމޫނުގެ ޕާޓީ އެމްއާރުއެމްއިން އާންމު ކުރި ލިޔުމެއްގައެވެ.

މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ، ގައުމީ ނުވަތަ އިޖުިތިމާޢީ މުނާސަބަތުތައް ފާހަގަ ކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަ ކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ކުރާ ކަންކަމަކީވެސް ހުއްދަ ކަންކަމުގެ ގޮތުގައި ބެލެވޭނެ ކަންކަން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *