މަހަށް ހަމަ އަގުުނުލިބި، މަސްވެރިންނަށް އިހުމާލުވާތީ އެމްޑީޕީ މެމްބަރެއްގެ މައްސަލައެއް

މަހަށް ހަމަ އަގުުނުލިބި، މަސްވެރިންނަށް އިހުމާލުވާތީ އެމްޑީޕީ މެމްބަރެއްގެ މައްސަލައެއް

މިސަރުކާރުން ވައުދުވެފައިވާ މަހަށް ހަމަ އަގުު ހޯދުމަށް ވެފައިވާ ވައުދު ތަންފީޒުނުވެ، މަސްވެރިންނަށް އިހުމާލުވާތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު ހުސެއިން ފިރުޝާން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ފިރުޝާން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯ އާއި މިއަދުގެ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދެއް ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމައަގު ދިނުމަށް ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާ އެއްކަމަށެވެ.

މަސްވެރިންނަށް ބައްދަލުވެ ވާހަކަ ދައްކާލުމުން އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މަހަށް ހަމައަގު ނުލިބުމާއި ތެލުގެ އަގާއި އެއްވަރަށް މަހުގެ އަގު ނުއުފުލުމުގެ ސަބަބުން ތެލަށް ލާރިކޮޅު ދައްކާލީމާ އެވްރެޖްކޮށް މަސްވެރިންނަށް ބަހާނެ ފައިސާ ނެތި ރެއާ ދުވާލު ކުރާ މަސައްކަތް އޭގެ އިތުރުން މަސްކިރާ ބޯޓުތައް ނެތުމާއި ފެސިލިޓީތައް ފެސިލިޓީތައް ނެތުމުގެ ޝަކުވާކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް އެޖެންޑާ 19 އިން ވީ ވައުދާ އެއްގޮތަށް 2019 ވަނަ އަހަރު މަޖިލީހުން ވާނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު ފާސްކޮށްފައިކަމަށާއި، ނަމަވެސް ހިތާމައާ އެކު ފާހަގަ ކޮށްލަންޖެހެނީ އެ ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

މަސްވެރިކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭންތައް ހަދައި ތަންފީޒު ކުރަން ސަރުކާރުން ފަސްޖެހޭކަންވެސް ފިރުޝާންގެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

މަސް ޕްރޮސެސް ކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް އެޅުމަށާއި އެކަމުގައި އަމަލު ކުރަންވީ ގޮތް މަސްވެރިކަމުގެ ޤާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެމަގަށް ޖާގަ ފަހިކޮށް ނުދީ އޮތުމަކީ ކަންބޮޑު ވުމެއްކަމަށާއި، އެކަން އެގޮތަށް ހިނގަނީ މަސް ބަންދުކުރާ ފެކްޓްރީތައް ހިންގުމުގައި އުޅޭ ސަރުކާރާއި ގުޅުންހުރި ބޮޑެތި ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުންކަމަށްވެސް މިމައްސަލާގައި ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *