ދައުލަތުގެ ޕްރޮކިއުމަންޓް ޚަރަދު ކުޑަ ކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭން ފިނޭންސް މިނިސްޓްރީން އާންމުކުރަން ފަށައިފިއެވެ.
ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކުރަން ފަށާފައެވެ. ފިނޭންސުން ބުނީ މިއީ ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މަސައްކަތް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތުން މިނިސްޓްރީން އާންމުކުރާ ލިސްޓުގައި އެއިދާރާއަކަށް އެއަހަރު ހޯދަން ބޭނުންވާ މުދަލާއި، އިދާރާގައި ކުރަން ޖެހޭ މަސައްކަތްތަކާއި، ކޮންސަލްޓެންސީ އަދި ކޮންސަލްޓެންސީ ނޫން މަސައްކަތް މި ޕްލޭންގެ ތެރެއިން އާންމު ކުރެއެވެ.
ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ވީހާވެސް ހާމަކަންބޮޑުކޮށް ގެންދިއުމުގެ ގޮތުން އެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް ފުރަތަމަފަހަރަށްވަނީ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރަން ފަށާފަ. https://t.co/Nm0tzgSfga
— Ministry of Finance (@MoFmv) March 20, 2022
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި، މިމަސައްކަތް ކުރަން ބޭނުންވާ އިދާރާއަކުން އެމަސައްކަތް ކުރަން ބޭނުންވާ ދުވަހާއި، މަސައްކަތުގެ ކުރު ޚުލާސާއެއް ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ބައެއް ޕްރޮޖެކްޓުތަކުގެ ޕްރޮކިއުމަންޓް ޕްލޭންވެސް ވަނީ އާންމުކޮށްފައެވެ. މިވަގުތު އާންމުކޮށްފައިވާ ލިސްޓުގައި މިނިސްޓްރީތަކާއި، ކައުންސިލްތަކާއި މިނިވަން މުޢައްސަސާތަކާއި ދައުލަތުގެ އެހެނިހެން އޮފީސްތައް ހިމެނެއެވެ.
ދައުލަތުގެ އިދާރާތަކުން މިހާރުވެސް ކުރާ އިއުލާންތަކަށް ބައެއް ފަހަރު، އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތި ނުލުމާއި، އެކަށީގެންވާ ވަރަށް ވުރެ އަގު ބޮޑުކޮށް ބީލަން ހުށަހެޅުމުގެ މައްސަލަ ދިމާވެއެވެ. މިފަދަ ހާލަތްތަކުގައި ދެވަނަ ފަހަރަށް އަލުން މަސައްކަތްތައް އިއުލާން ކުރަން ޖެހެއެވެ. އަދި ބައެއް ފަހަރު ޚަރަދުވެސް ބޮޑުވެގެން ދެއެވެ.
ނަމަވެސް ޕްރޮކިއުމަންޓް ޕްލޭން މިގޮތަށް އާންމު ކުރެވެން ފެށުމުން، މިފަދަ މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ ތައްޔާރުވެވި، މިފަދަ މަސައްކަތްތަކާއި މުދަލާއި އަދި ޚިދުމަތުގެ އަގަށް ކުރަން ޖެހޭ ޚަރަދު ބޮޑު ތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.