ދުނިޔެއިން ކޯވިޑް19އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި (ޕޭޝަންޓް ޒީރޯ) މީހަކީ ޗައިނާގެ ވޫހާން ސިޓީގެ އެނިމަލް މާކުކޭޓުގައި، ސީފުޑް ވިއްކަމުން އައި ވިޔަފާރިވެރިއެއް ކަމުގައި، ޖާނަލް ސައިންސްގައި އަލަށް ޝާޢިއުކުރި ސްޓަޑީއެއްގައި ބުނެފިއެވެ.
މި ސްޓަޑީގައި ބުނެފައިވާ ގޮތުން، މި އަންހެން މީހާގެ ކިބައިން އެންމެ ފުރަތަމަ ކޯވިޑް19ގެ އަލާމާތްތައް ފެނިފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް މި ސްޓަޑީގައި "ޕޭޝަންޓް ޒީރޯ" ކަމުގައި ބުނެފައިވާ މައުލޫމާތުތަކާއި، މީގެ ކުރީގެ ރިޕޯޓުތަކުގައި "ޕޭޝަންޓް ޒީރޯ"އަކީ ހުއަނާން މާރުކޭޓުގެ 30 ކިލޯމީޓަރު ދުރުގައި ދިރިއުޅޭ އުމުރުން 41 އަހަރުގެ އެކައުންޓެންޓެއް ކަމުގައިވާ ފިރިހެން މީހެއް ކަމަށް ބުނާ ބުނުމާއި ފުށުއަރައެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މިމީހާގެ ކިބައިން ކޯވިޑް19ގެ އަލާމާތްތައް ފެނިފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް މިމީހާއާއި އިންޓަވިއު ކުރުމުން އޭނާ ބުނެފައިވަނީ، އޭނާގެ ގައިން ކޯވިޑާއިގުޅުންހުރި އަލާމާތްތައް ފެންނަން ފަށާފައިވަނީ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުގައި ކަމަށެވެ. އަދި އެމަހުގެ 8ވަނަ ދުވަހު އޭނާގެ ކިބައިގެން ފެނުނު ކޯވިޑާއި ގުޅުންހުރިކަމަ ބެލެވުނު އަލާމާތްތަކަކީ، އޭނާ އަގައިން ފަޅަމުން އައި ދަތެއްގެ ސަބަބުން ފެނުނު އަލާމާތްތަކެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
"އޭގެ މާނައަކީ އޭނާއަށް ކޯވިޑް ޖެހިފައިވަނީ، ހުއަނާން މާރުކޭޓުގައި ކޯވިޑް ފެތުރެން ފެށުމަށްފަހު، ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމަށްފަހުކަން. އޭނާއަށް ގަބޫލު ކުރެވެނީ އޭނާއަށް ކޯވިޑް ޖެހިފައިވަނީ ހޮސްޕިޓަލުން ކަމަށް (ފަހަރެއްގައި އޭނާ ދަތުގެ ފަރުވާ ހޯދަން ގޮސް އުޅުމުގެ ތެރޭގައި) ނުވަތަ އޭނާ ޓްރެއިންގައި ދަތުރު ކުރުމުގެ ތެރޭގައި ސަބްވޭގައި،" ސައިންސް ޖާނަލްގައި ލިޔެފައިވާ އާޓިކަލްގައި ޔުނިވަރސިޓީ އޮފް އެރިޒޯނާގެ އިވޮލިއުޝަނަރީ ވައިރޮލޮޖިސްޓް މައިކަލް ވޮރޮބޭ ވިދާޅުވެފައި ވެއެވެ.
މި އެކައުންޓެންޓް ހުއަނާން މާރުކޭޓުގެ ދެކުނަށް، އޭނާގެ ކިބައިން ކޯވިޑްގެ އަލާމާތްތައް ފެނުމުގެ ކުރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ވެއެވެ.
އަދި އޭނާގެ ކިބައިން އަލާމާތްތައް ފެނިފައިވަނީ، ހުއަނާން މާރުކޭޓުން ކޯވިޑްގެ އެތައް ކޭސްތަކެއް ފެންނާން ފެށިފަހުންނެވެ. އެހެންނަމަވެސް، ޑިސެމްބަރ 11ވަނަ ދުވަހު ހުއަނާން މާރުކޭޓުގައި ސީފުޑް ވިއްކަމުން އައި އަންހެން ވިޔަފާރި ވެރިޔެއްގެ ކިބައިން ކޯވިޑް އަލާމާތްތައް ފެނި އޭނާ ވެގެން ދިޔައީ ކޯވިޑަށް ދުނިޔެއިން އެންމެ ފުރަތަމަ ޖެހުނު މީހާކަމުގައެވެ.