ހެއިޓީގެ ރައީސް ޖުވެނެލް މުއީޒް އަވަހާރަކޮށްލުގައި ބައިވެރިވާކަމަށް ތުހުމަ ކުރެވޭ މީހަކު ތުރުކީގެ ކަމާބެހޭ މުވައްސަސާތަކުން ހައްޔަރު ކޮށްފައިވާކަމަށް ހެއިޓީގެ ފޮރިންގ މިނިސްޓަރ ކްލައުޑް ޖޯސެފް ވިދާޅު ވެއްޖެއެވެ.
2017ވަނަ އަހަރު ހެއިޓީގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި، ކުރީގެ ވިޔަފާރަވެރިއެއް ކަމުގައިވާ، އުމުުރުން 53 އަހަރުގެ ރައީސް އަވަހާރަ ކޮށްލާފައިވަނީ، އަމިއްލަފުޅު ގޭގައި ހުންނަވަނިކޮށް، އެގެއަށްވަދަ ބަޔަކު ބަޑިން ދިން ހަމަލާތަކެއްގައެވެ. މި ހަމާގައި ޖުވެނެލް މުއީޒްގެ އަނބިކަބަލުން ޒަޚަމް ވެފައި ވެއެވެ.
މިހަމަލާއާއި ގުޅިގެން މިހާތަނަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވިނަމަވެސް، މިހަމަލާގެ ފަހަތުގައި ތިބިކަމަށް އެންމެ ބޮޑަށް ޝައްކު ކުރެވިފައިވަނީ ކޮލަމްބިއާގެ ކުލީ ސިފައިންގެ ގުރޫޕަކުންނެވެ.
"ރައީސް އަވަހާރަ ކޮށްލުމުގެ ޖަރީމާއާއި ގުޅިގެން ކުރިޔަށްދާ ތަހުގީގަށް ބޭނުންވާ މުހިންމު މީހެއް ކަމުގައިވާ ސާމިރު ހަންޑާލް ހައްޔަރު ކޮށްފައިވާތީ، އަހަރެންގެ އެކުވެރި، މިސްޓަރ ކަވުސޮގްލު އަށް ޝުކުރު އަދާކުރުމުގެ ގޮތުން ދާދި ދެންމެއަކު ފޯނު ގުޅައިފިން،" ޖޯސެފް ޓުވީޓް ކުރައްވާފައި ވެއެވެ.
ތުރުކީގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ، އިންޓަރޕޯއިން ރެޑް ނޯޓިސް ނެރެފައިވާ ހަންޑާލް މިހާރު ހުރީ އިސްތަމްބޫލްގެ މޯލްޓެޕް ޖަލުގައި ހައްޔަރު ކޮށްފައެވެ.
ހެއިޓީގެ ރައީސް އަވަހާރަ ކޮށްލުމަށް ޖުލައިމަހުގެ 7 ވަނަ ދުވަހު ދިންހަމަލާގެ ތުހުމަތު ހަންޑާލްގެ މައްޗަށް ކުރެވިފައިވި ނަމަވެެސް، އޭމާ މި ހަމަލާގައި ބައިވެރިވެފައިވާ ގޮތުގެ އިތުރުއެއްވެސް ތަފްސީލެއް ހެއިޓީގެ ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.