މިޔަންމާގެ އަސްކަރީ ލީޑަރަށް އާސިއާން ސަމިޓަށް ދައުވަތެއް ނުދިން

މިޔަންމާގެ އަސްކަރީ ލީޑަރަށް އާސިއާން ސަމިޓަށް ދައުވަތެއް ނުދިން

ފާއިތުވި ފެބްރުއަރީމަހު މިޔަންމާރއަށް ގެނެވުނު އަސްކަރީ ބަޢާވާތުގައި އެގައުމުގެ ވެރިކަމުގެ ބާރުތައް ނަންގަވައިގެން ހުންނެވި އަސްކަރީ ޖެނެރަލް މިން އައުންގ ލައިންގއަށް، މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އާސިއާން ގައުމުތަކުގެ ރީޖަނަލް އަހަރީ ސަމިޓަށް ދައުވަތު ނުދޭން އާސިއާން ޖަމިއްޔާއިން ނިންމައިފިއެވެ.

މިގޮތުން، އެސޯޝިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (Asean) އިން ނިންމާފައިވަނީ، މިފަހަރު ސަމިޓަށް، މިން އައުންގ ލައިންގ ބަދަލުގައި މިޔަންމާރގެ ސިޔާސީ ފަރާތްތަކުގެ ގޮތުގައި ނުހިމެނޭ ފަރާތްތަކުން މި ބައްދަލުވުމުގައި މިޔަންމާ ތަމްސީލު ކުރުމުގެ ދައުވަތު ދިނުމަށެވެ.

މިއީ އާންމު ގޮތެއްގައި، ޖަމިއްޔާގެ މެމްބަރު ގައުމުތަކުގައި ހިގާ އެގައުމުތަކުގެ އެތެރޭގެ ކަންކަމަށް ބަސްނުކިޔާ، 10 މެމަބަރު ގައުމުގެ މައްޗަށް އެކުލެވިގެންވާ މި ޖަމިއްޔާއިން ނިންމާފައިވާ، ކުރިން އުއްމީދު ކުރެވިފައި ނުވާ ނިންމުމެކެވެ.

ބަޢާވާތަށްފަހު މިޔަންމާގައި ވެރިކަން ކުރަމުންދާ މިލިޓަރީ ޖުންޓާ އިން ބުނެފައިވަނީ އާސިއާންގެ މި ނިންމުމަކީ "ހިތާމަހުރި" ނިންމުމެއް ކަމުގައެވެ.

މިނިންމުމާ ގުޅިގެން އާސިއާންއިން ބުނެފައިވަނީ، މިޔަންމާގައި ހިގަމުންދާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމަށް އެގައުމުގައި މިހާރުއޮތް އަސްކަރީ ސަރުކާރުން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާކަމުގައެވެ.

މިއަހަރުގެ އޮގަސްޓުމަހު މިޔަންމާގެ އަސްކަރީ ވެރިޔާވަނީ އޭނާއަކީ އެގައުމުގެ ބޮޑުވަޒީރު ކަމުގައި އަމިއްލައަށް ނިންމަވާފައެވެ. އަދި ބަޢާވާތަށްފަހު މިޔަންމާގައި އާންމުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު، އެގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރާ ދެކޮޅަށް ހަގުރާމަކުރަމުންދާ ހަގުރާމަވެރިން އަސްކަރިއްޔާއާއި ދެކޮަޅަށް އަދިވެސް ހަމަލާ ބަދަލު ކުރަމުންދާތީ، އިތުރަށް ދެމެހެއްޓުމަށްވެސް އޭނާ ވަނީ ނިންމަވާފައެވެ.

އާސިއާންއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 26 އިން 28އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓަށް ވަޑައިގަތުމަށް މިޔަންމާގެ އަސްކަރީ ލީޑަރަށް ދައުވަތު ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ހުކުރު ދުވަހު ބޭއްވުނު، ގައުމުތަކުގެ ފޮރިންގ މިނިސްޓަރުންގެ އެމަޖެންސީ ބައްދަލުވުމުގައި އަސްކަރިއްޔާއިން މި ސަމިޓްގައި މިޔަންމާރ ތަމްސީލުކުރުމުގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން އެއްބަސްވުމަމަށް އާދެވިފައި ނުވާ ކަމުގައެވެ.

އާސިއާންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިޔަންމާ އަސްކަރީ ލީޑަރުން އިދިކޮޅު ފަރާތްތަކާ އެކީ މަޝްވަރާކޮށް މަސްރަހު ފިނިކުރުމަށް ވެފައިވާ ވައުދުތައް ފުއްދާފައި ނުވާކަމަށާއި، އަދި އާސިއާންގެ މަންދޫބުންނަށް މިހާރު ޖަލަށް ލެވިފައިވާ އިދިލޮޅު ލީޑަރ އަންގ ސަންގ ސޫކީއާއި ބައްދުލުކުރުމުގެ ފުރުސަތުވެސް ދީފައި ނުވާކަމުގައެވެ.

އާސިއާންގެ ސަމިޓް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބުރޫނާއީއިން ނެރެފައި މިބަޔާނުގައި ބުނެފައިވަނީ، މިޔަންމާރގެ ހާލަތުގެ ސަބަބުން ސަރަހައްދީ ސަލާމަތަށްވެސް މިހާރު ނުރައްކާ ވެފައިވާ ކަމަށާއި، އަދި ސަރަހައްދީ އެއްބައިވަންތަ ކަމަށްވެސް އަސަރު ކުރަމުންދާ ކަމުގައެވެ.

މިޔަންމާގެ ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ، އާސިއާންގެ ފޮރިންގ މިނިސްޓަރުންގެ ބައްދަލުވުމުގެ މިނިންމުމާ އެގައުމުގަ އޮތް އަސްކަރީ ސަރުކާރުން ދެކޮޅު ހަދާ ކަމަށާއި އަދި މިއީ އާސިއާން ޖަމާއަތުގެ އަސާސްތަކާ ޚިލާފު ނިންމުމެއް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *