ދުނިޔޭގައި ވެކްސިން ޖަހަމުންދާ ރޭޓް އެންމެ މަތީ ގައުމެއްގެ ގޮތުގައި ޔޫއޭއީ

ދުނިޔޭގައި ވެކްސިން ޖަހަމުންދާ ރޭޓް އެންމެ މަތީ ގައުމެއްގެ ގޮތުގައި ޔޫއޭއީ

ދުނިޔޭގައި ކޯވިޑް19 ވެކްސިން ޖަހަމުންދާ ރޭޓް އަދިވެސް އެންމެ މަތީ ގައުމަކީ ޔޫއޭއީ ކަމުގައި އެގައުމުގެ ހެލްތު އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޔޫއޭއީން ކޮންމެ ހަފްތާއަކު ގެނެސްދެމުންދާ ކޯވިޑް19 ބްރީފިންގައި އެގައުމުގެ ނޭޝަނަލް އެމަރޖެންސީ ކްރައިސިސް އެންޑް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (NCEMA) އިން ބުނެފައިވަނީ، ވެކްސިން ޖަހަމުންދާ ރޭޓް އެންމެ މަތީ ގައުމެއްގެ ގޮތުގައި އެގައުމު އޮތްކަމުގައިވި ނަމަވެސް، ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކާ އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށްވެސް ހުރިހާ އެންމެންވެސް އަމަލުކުރަމުން ދިއުމަށް އިލްތިމާސް ކުރާކަމުގައެވެ. މީގެތެރޭގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ފޭސް މާސްކް އެޅުންވެސް ހިމެނޭ ކަމުގައެވެ.

ނޭޝަނަލް އެމަރޖެންސީ ކްރައިސިސް އެންޑް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ރަސްމީ ތަރުޖަމާން ކަމުގައިވާ ޑރ. ސައިފް އަލް ދަހެރީ ވިދާޅުވި ގޮތުގައި، މީގެއިން ދޭހަކޮށްދެނީ، އަބޫ ދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު ވިދާޅުވެފައިވާފަދައިން، ޔޫއޭއީއަށް މިހާރު ކޯވިޑުން އަރައިގަނެވި، އަދި އާންމު ދިރިއުޅުމަކަށް އާދެވިފައިވާ ކަންކަމުގައެވެ.

އެހެންނަމަވެސް، ޑރ. އަލް ދަހެރީ ވިދާޅުވީ، އޮގަސްޓުމަހުން ފެށިގެން ދަށަށް ދާން ފަށާފައިވާ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކޮށް ބެހެއްޓުމަށް އާންމުން މިހާރެކޭވެސް އެއްގޮތަށް މަސައްކަތް ކުރަމުންދާން ޖެހޭ ކަމަށެވެ.

ޑރ. އަލް ދަހެރީ ވިދާޅުވެފައިވާ ގޮތުގައި، ޔޫއޭއީގެ އާބާދީގެ 95.68 އިންސައްތަ މީހުން މިހާރުވަނީ މަދުވެގެން އެއް ޑޯޒްގެ ވެކްސިން ޖަހާފައެވެ. އަދި 85.52 އިންސައްތަ މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ބުލޫމްބާގުން ހާމަކޮށްފައިވާ، ވެކްސިން އެންމެ ރަގަޅަށް ޖަހަމުންދާ ގައުމުތަކުގެ ލިސްޓުން ފާއިތުވެދިޔަ އޮގަސްޓުމަހާ އަޅާ ބަލާއިރު ޔޫއޭއީންވަނީ 9 ދަރަޖަ މައްޗަށް ޖެހިލާފައެވެ. ނަތީޖާއެއްގެ ގޮތުން ޔުއޭއީ މި ލިސްޓުގައި މިހާރު މުޅި ދުނިޔެއިން 6 ވަނާގައި އޮތް އިރު، ސަރަހައްދީގޮތުން އޮތީ އެއްވަނާއިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *