އަފްއާނިސްތާނަށް ކަރަންޓު ފޯރުކޮށްދެމުންދާ އަވަށްޓެރި ބައެއް ގައުމުތަކަށް ދައްކަންދެހޭ ބިލްތައް ނުދެއްކިގެ، އަފްއާނިސްތާނަށް ކަރަންޓު ނުލިބި ކަނު އަދިރިކަން މުޅި ގައުމަށް ވެރިވެދާނެކަމުގެ ބިރުހީވެ، ޔޫއެންއިން އަފްއާނިސްތާނަށް ކަޑައަޅާފައިވާ މިޝަންއިން، 90 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކަށް އެގައުމުން އެދިއްޖެއެވެ.
މިފައިސާއަކީ، މެދުތެރޭ އޭޝިއާގެ ގައުމުތަކުން އަފްއާނިސްތާނަށް ފޯރުކޮށްދީފައިވާ ހަކަތައަށް 3 މަސްދުވަހުގެ ތެރޭގައި ފައިސާދެއްކުމަށް އަންގާ އެގަމުތަކުން ފޮނުވާފައިވާ ބިލްތަކަށް ފައިސާދެއްކުމަށް އަފްއާނިސްތާނުން ހޯދުމަށް އެދިފައިވާ ފައިސާއެވެ.
ފާއިތުވެދިޔަ އޮގަސްޓްމަހުގެ 15ވަނަ ދުވަހު ތާލިބާން ޖަމާއަތުގެ ބާރުދަށަށް އަފްއާނިސްތާން ދިއުމަށްފަހު، އެގައުމަށް ކުރިމަތިވެފައިވާ އިގްދިސާދީ މައްސަލަތަކުގެ ސަބަބުން މިހާތަނާހަމައަށް އެގައުމުން އެއްވެސް ކަރަންޓް ބިލަކަށް ފައިސާ ދައްކާފައެއް ނުވެއެވެ.
އަފްއާނިސްތާނަށް ބޭނުންވާ ހަކަތައިގެ 78 އިންސަތައް ފޯރުކޮށްދެމުންދަނީ އަވަށްޓެރި ގައުމުތަކުންނެވ.
ކަރަންޓު ބިލްތަކަށް ފައިސާނުދެއްވި، މުޅި އަފްއާނިސްތަށް ކަނު އަދިރިކަން ވެރިވެދާނެކަމަށް ބެލެވެން ފަށާއިފައިވާއިރު، އެމެރިކާއާއި އަދި އެހެނިހެން ފަރާތްތަކުންވެސް އަފްއާނިސްތާންގެ ގިނައަދަދެއްގެ ފައިސާ ފްރީޒްކޮށްފައިވުމުގެ ސަބަބުން މިހާރުގެ ސަރުކާރަށް ކުރިމަތިވެފައިވާ، އިގްދިސާދީ މައްސަލަތަކުގެ މައްޗަށް އަނެއްކާވެސް މިވަނީ ބޮޑެތި މައްސަލައެއް ފެންމަތިވެގެން އައިސްފައެވެ.
އަފްއާނިސްތާނުން ފާއިތުވެދިޔަ މަސްތަކުގައި ވަނީ، އަވައްޓެރި އުޒުބަކިސްތާންއާއި، ތަޖިކިސްތާން އާއި ތުރުކަމިނިސްތާންގެ އިތުރުން އިރާނަށްވެސް، އެގައުމަށް ކަރަންޓާއި ހަކަތަ ފޯރުކޮށްދީގެން މަހަކު އެވްރެޖުކޮށް 20 މިލިއަންއާއި 25 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ދައްކަމުން ގޮސްފައެވެ. އެހެންނަމަވެސް، ތާލިބާން ޖަމާއަތުން އެގައުމުގެ ވެރިކަމާ ހަވާލުވުމަށްފަހު މިފައިސާދެއްކުން ވަނީ ހުށްޓުމަކަށް އައިސްފައެވެ،
އަފްއާނިސްތާނުގެ ޑާ އަފްއާނިސްތާން ބްރެޝްނާ ޝަރުކާޓްގެ އެކްޓިންގ ސިއީއޯ ސަފީއުﷲ އަހުމަދުޒާއި ވިދާޅުވެފައިވާ ގޮތުގައި، މި ގައުމުތަކަށް އަފްއާނިސްތާނުން މިހާރު ދައްކަންޖެހިފައިވާ ބިލްތަކުގެ ޖުމްކަ އަދަދު 62 މިލިއަން ޑޮލަރަށް އަރާނެއެވެ.
ވެރިރަށް ކާބުލްއާއި އަދި އަފްއާނިސްތާގެ އެހެން ޕްރޮވިންސްތަކުންވެސް، މައިގަޑު ގޮތެއްގައި މިހާރު ކަރަންޓު ކެނޑެމުން ނުދިޔަ ނަމަވެެސް، އަހުމަދުޒާއި ވިދާޅުވެފައިވާ ގޮތުގައި މިގައުމުތަކުން މިހާރު ކޮންމެ ވަގުތެއްގައިވެސް ކަރަންޓު ކަޑާލާފާނެއެވެ.
ކަރަންޓް ބިލްތައް ދެއްކުމަށް އަފްއާނިސްތާނުން އެދިފައިވާ އެދުމަށް ޔޫއެން މިޝަންއިން އަދި އެއްވެސް ޖަވާބެއް ދީފައި ނުވާކަކަށްވެސް އަހުމަދުޒާއި އަހުމަދުޒާއި ވިދާޅުވެފައި ވެއެވެ.