މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށް ވުރެ މައްޗަށް

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށް ވުރެ މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 7 ލައްކަ އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 705،024 ޒިޔާރަތް ކޮށްފައެވެ. އޭގެތެރޭގައި ޖަނަވަރީ މަހު 92،103 ފަތުރުވެރިން، ފެބްރުވަރީ މަހު 96،881 ފަތުރުވެރިން، މާރިޗު މަހު 109،585 ފަތުރުވެރިން، އަދި އޭޕްރީލް މަހު 91200 ފަތުރުވެރިން ހިމެނެއެވެ. އެއީ ރާއްޖޭގައި މިއަހަރު ކޯވިޑުގެ ހާލަތު ގޯސްވުމުގެ ކުރިން ފަތުރުވެރިން އައި އަދަދުތަކެވެ.

އަދި ރާއްޖޭގައި ކޯވިޑުގެ ހާލަތު އެންމެ ގޯސްވި، މިއަހަރުގެ މޭ މަހު 64،613 ފަތުރުވެރިން އަދި ޖޫން މަހު 56،166 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ.

އޭގެ ފަހުގައި އަނެއްކާވެސް ކޯވިޑު ފެތުރޭ މިންވަރު ދައްވެ ރާއްޖޭގެ ހާލަތު ރަނގަޅުވާން ފެށުމާއެކު ޖުލައި މަހު 101،818 ފަތުރުވެރިން އަދި މިމަހުގެ މިހާތަނަށް 92،657 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

ތަފާސް ހިސާބުތައް މިގޮތަށް ހުރި އިރު މިއަހަރުގެ މިހާތަނަށް އެވްރެޖް ގޮތެއްގައި ދުވާލަކު 3،052 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ. އަދި އެވްރެޖުކޮށް ކޮންމެ ފަތުރުވެރިއަކު ރާއްޖޭގައި 9 ދުވަސް ހޭދަކުރާކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

އެއަރ ސީޝެލްސް އިން ރާއްޖެ އައި ބައެއް ފަތުރުވެރިން – ފޮޓޯ: ވީއައިއޭ

ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލިފަހުން އެއް މަހެއްގައި ލައްކަ އަކަކަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާކީ މިއަހަރުގެ މާރިޗު މަހާއި މިދިޔަ ޖުލައި މަހުގައެވެ.

ރާއްޖެއަށް މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ 22 އިންސައްތަ ހިއްސާކުރަނީ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އަދި 18.9 އިންސައްތަ ހިއްސާކުރަނި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. މީގެ އިތުރުން ރާއްޖެއަށް މިއަހަރު ދެން އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޖަރުމަނާއި އެމެރިކާއާއި ޔޫކްރައިނުންނެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރި 2 ފަތުރުވެރިން – ފޮޓޯ: ޖޯލި މޯލްޑިވްސް

އަހަރު ފެށުނުއިރު ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވެވޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އޮތް ކަމަށްވެސް އެމިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. އެހެންކަމަށް ވާނަމަ އެވްރެޖްކޮށް މަހަކު 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *