ރާއްޖެއިން ބޭރުގައި ކާޑުން މުއާމަލާތްކުރެވޭނެ އަދަދު އިތުރުކޮށްފި

ރާއްޖެއިން ބޭރުގައި ކާޑުން މުއާމަލާތްކުރެވޭނެ އަދަދު އިތުރުކޮށްފި

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއްކޮށްފައިވުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން 16 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ވަނީ ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލުގެނެސްފައެެވެ.

މި ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތާ ގުޅިގެންހުރި ކަންބޮޑުވުމާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަަގަކޮށްފައިވާނެއެވެ. ފާއިތުވި ދުވަސްތަކުގައި ބޭންކުން ދިޔައީ މިހާލަތު ގާތުން ބަލަމުންނެވެ. ހަމައެހެންމެ މިހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލައި، ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ބޭންކުން މިވަނީ ނިންމާފައެވެ.

މިގޮތުން 17 ޖުލައި 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު މިވަނީ 500 ޑޮލަރަށް އިތުރުކޮށްފައެެވެ. މި އަދަދު ކަނޑައެޅިފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށެވެ.

ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެއެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެއެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.

ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެއެވެ. އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *