ކޯވިިޑް ބަލިމަޑުކަމުގެ ތެރޭގައި ކުދި ވިޔަފާރި ތަކާށާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރަމުންދާ އަސަރުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީން ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 17 ވަނަ ދުވަސް ކަމަށް ބީއެމްއެލުން ބުނެފި އެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރި ތަކާށާއި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބެންކް އޮފް މޯލްޑިވްސް އިން ދޫކުރާ މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބެންކުން ހުޅުވާލީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މި ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެންނެވެ.
މި ލޯން ސްކީމް އަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށް ބެންކުން ބުނެއެވެ. އަދި މިހާތަނަށް ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދުވެސް ލޯން ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރުކަން ބެންކުން ފާހަގަ ކުރަމެވެ.
ލޯނަށް އެދި ހުށަހެޅޭ އެންމެ ފަހު ތާރީހާ ހަމައަށް ބެންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު މިފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.