ޓެކްސް މާފު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީން ފާސް ކޮށްފިއެވެ.
އިޤުތިޞާދީ ކޮމިޓީން އެ ބިލު ދިރާސާކުރުމަށްފަހު އެކުލަވައިލި ރިޕޯޓަށް މާބޮޑު ބަދަލެއް ގެނައުމަކާނުލައި އެ ބިލު މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ބިލު ފާސްކޮށްފައިވަނީ 27 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ބިލުގައި ވާގޮތުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ދާނެ އެވެ އެގޮތަށް އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބި ދޭނެ އެވެ. ހަމަ އެހެންމެ އިސްތިސްނާ ކުރެވޭނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއް ވަން ޖެހޭނީ ވަޒީރުންގެ ލަފާ ހޯދައިގެނެވެ.
އާމްދަނީން ނަގާ ޓެކްސްގެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސެންޓް ވިތުހޯލްޑިން ޓެކުސް ނުނަގަން ވެސް މިއަދު ފާސްކުރި އެވެ. އެ ދެ އިސްލާހަށް ވެސް މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ. އަދި ވިތު ހޯލްޑިން ޓެކްސް ނެގުން ހުއްޓާލުމުން ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި ކުންފުނިތައް ބިކަ ވެދާނެ ކަަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައި ވެއެވެ.
މި ބިލުގައި އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާވާ ބައެއް އާމްދަނީތައް ހިމަނާފައިވެއެވެ. އެގޮތުން ރައީސާއި އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުން ޖަމަޖައްސައިދޭ ކާރުކޮޅާއި ގެކޮޅާއި އެތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރައާއި ޑުރައިވަރުގެ މުސާރަ ވަނީ އިސްތިސާންކޮށްފައެވެ.
މި ބިލުގައި ޓެކުސް އާމްދަނީން އިސްތިސްނާކުރުމުގެ ބާރު ރައީސަށް ދީފައިވާއިރު، ޓެކުސް މައާފުކުރާނެ މަޝްރޫޢުތައް ރައީސް ކަނޑައަޅުއްވާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މައްޗަށް ކަމުގައިވެސް ބުނެފައިވެއެވެ.