މި ވަގުތު ފިރިމީހާ ވިރާޓް ކޯލީ އާއި ދަރިފުޅު ވަމިކާ އާއެކު އިންގްލޭންޑްގައި ހުރި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ، އޭނާ މާބަނޑު އިރު ލައިފައިވާ ހެދުންތައް ނީލަން ކިއުމަށް ނިންމައިފި އެވެ.
އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ނީލަމުން އަންހެނުންގެ ދަރިމައިވުމުގެ ސިއްހަތާއ،ި 2.5 ލައްކަ ލީޓަރުގެ ފެން ރައްކާ ކުރުމަށް އެހީވެވޭނެ ކަމަށް އަނުޝްކާ ވަނީ ބުނެފައެވެ.
މާބަނޑު ދުވަސްވަރު ބޭނުންކުރާ މިފަދަ ތަކެތި އެހެން މީހަކަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވެސް އޭނާ ދަނީ ބާރު އަޅާމުންނެވެ.
މީގެ އިތުރުން އަނުޝްކާ އަންނަނީ ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަށް އިންސްޓަގްރާމް މެދުވެރިކޮށް ހިންގަމުންނެވެ. އަދި މިކަމަށް ބާރުލިބޭ ތަފާތު ޕޯސްޓްތައް ވެސް ވަނީ ދޭތެރެ ދޭތެރެއިން އޭނާ އަބަދުވެސް އަންނަނީ ހިއްސާކުރަމުނެވެ.
އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނެފައިވަނީ މި ހިޔާލު އޭނާއަށް އައީ އޭނާ މާބަނޑު ދުވަސްވަރު ކަމަށެވެ. އަދި "ސާކިއުލާ ފެޝަން ސިސްޓަމް" މެދުވެރިކޮށް ތިމާވެއްޓަށް ގިނަފައިދާތަކެއް ލިބިގެން ދިއުމާކީ މިކަމުގެ އެންމެ މުހިންމު ޕޮއިންޓް ކަމުގައި އަނުޝްކާ ބުނެއެވެ. އަދި މީ ތިމާވެއްޓަށް ވަރަށް ޕޮޒިޓިވް އަސަރުތަކެއް ކުރުވާނެ ކަމައްކަމަށް ވެސް އޭނާ ބުނެއެވެ.
އަނުޝްކާ ބަނޑުބޮޑުކަން އިއުލާން ކޮށްފައި ވަނީ ނިމިދިއަ އަހަރު ފިރިމީހާ ވިރާޓާއެކު ނަގައި، އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަކާއެކު އެވެ. އަދި އޭނާ އަލަތު ދަރިފުޅު ވިހާފައިވަނީ މިއަހަރުގެ ޖެނުއަރީ 11ގައި އެވެ.