މިދިޔަ މަހުގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް އިތުރު

މިދިޔަ މަހުގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް އިތުރު

މެއި މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރާއި ބޭރުކުރި މިންވަރު އިތުރުވެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 104 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 105 އިންސައްތަ އިތުރެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު މި އަހަރުގެ މެއި މަހު މަހު މި އަދަދު ވަނީ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތަކީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާ ދުވަސްތަކަކަށް ވާތީ އެކަމުގެ އަސަރު އިމްޕޯޓް އެކްސްޕޯޓަށްވެސް ކޮންމެވެސް ވަރަކަށް ފޯރާފައި ވެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދަައްކާގޮތުން ނިމިދިޔަ މެއި މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދަށްވެސް ވަނީ 91 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއިން 174 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު 333 މިލިއަން ރުފިޔާއަށް އަރައެވެ.

އާދައިގެ މަތިން ރާއްޖެއިން އެންމެ ގިނައިން މިދިޔަ މަހުވެސް ބޭރުކޮށްފައިވަނީ ކަނޑުމަހުގެ ބާވަތްތަކެވެ. އަދި މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *