ހަވާލުތިވީ ވަޒީފާއަކަށްވުރެ ބޮޑަށް، ޤާއުމީ ވާޖިބާއި، ރައްޔިތުންގެ ޒިންމާތަކާއި: ރައީސް

ހަވާލުތިވީ ވަޒީފާއަކަށްވުރެ ބޮޑަށް، ޤާއުމީ ވާޖިބާއި، ރައްޔިތުންގެ ޒިންމާތަކާއި: ރައީސް

ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލްތަކާއި ހަވާލުވި ބޭފުޅުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމަށްވުރެ ބޮޑަށް ޤައުމީ ޒިންމާތަކާއި، ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރަން ހަވާލުވި މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ކައުންސިލަރުން މަޤާމުތަކާއި ހަވާލުވެ ވަޑައިގަތުމާއި ގުޅިގެން މަރުހަވާ ވިދާޅުވެ ރައީސުލްޖުމްހޫރިއްތާ ދެއްވި ޚިތާބުގައި ވިދާޅުވީ މިއަދު މަޤާމުތަކާއި ހަވާލުވެ ވަޑައިގެންނެވި ބޭފުޅުންގެ ކޮޑުގައި ރައްޔިތުން ވަރަށްބޮޑު ޒިންމާއެއް އަޅުވާފައިވާކަމަށެވެ. އެއަމާނާތް އަދާކުރުމުގައި މިއަދު މަޤާމުތަކާއި ހަވާލުވެ ވަޑައިގެންނެވި ބޭފުޅުން ޒިންމާދާރު ކަމާއިއެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ޙަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު، ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ޙަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރެމުން ދާ ހަލުވިމިނަށް ބަލާއިރު، މިބަލި ކޮންޓްރޯލް ކުރުމުގައިވެސް، ކައުންސިލްތަކުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުން ވަރަށް މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މިބަލި ފެތުރެމުން ދިޔުމުގެ ސަބަބުން، މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފައި ކަމަށާއި، މިކަމުގައިވެސް ކައުންސިލްތަކުން ފަރުވާތެރި ކަމާއިއެކު މަސައްކަތްކޮށް އާންމު ހާލަތަށް ރަށް ގެންދިއުމަށް ކައުންސިލްތަކުން އިތުރު މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަގެންނެވިއެވެ.

އަޅުގަނޑަށް އެނގޭ ރަށެއް ފުރަބަންދުކޮށްލުމުން، އެ ރަށެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ އުނދަގުލާއި ދަތިތައް. އެހެން ނަމަވެސް، މިއުނދަގޫ ދަތި ޙާލަތުން އަވަހަށް އަރައިގަނެވޭނީ، ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކޮށްގެން. މިއީ، މިއަދު މަޤާމާ ޙަވާލުވެވަޑައިގަންނަވާ ކައުންސިލަރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ ކަމެއް.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިގެނައި މުހިންމު ބަދަލުތަކާއެކު، ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެ ކަމަށް. އަދި ސިޔާސީ ގޮތުން އަންހެނުން އިތުރަށް ބާރުވެރިވެ، ފަސްޖެހުމެއް ނެތި، ޤައުމީ ތަރައްޤީގެ ކަންކަމުގައި ޙަރަކާތްތެރިވެ އުޅުމުގެ ހިތްވަރާއި ކެރުން، ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *