ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމްކުރުމުގެ ބިލު ފާސްކޮށްފި

ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމްކުރުމުގެ ބިލު ފާސްކޮށްފި

ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތައް ހަރުދަނާކޮށް ޒަމާނީކުރުމަށް ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޤައުމީ ޕޭމަންޓް ސިސްޓަނެއް ޤާއިމްކުރުން ލާޒިމްކޮށް މަޖިލީހަށް ހުށައަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލު މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލަކީ މާލީ މުޢާމަލާތް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހުށަހަޅުއްވާފައިވާ ބިލެކެވެ. މިއީ ރާއްޖެއާއި ރާއްޖޭއިން ބޭރަށް ފަސޭހަކަމާއެކު ބޭންކު މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމުގެ ޚިދުމަތް ލިބިގެންދާނެ ނިޒާމެކެވެ. ޤައުމީ ޕޭމަންޓް ސިސްޓަމް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް މަޖިލީހުގައި ކުރިން ވިދާޅުވެފައިވެއެވެ. މި ނިޒާމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިގެންދިއުމާއެކު ޚަރަދުކުޑަ ޕޭމަންޓް ހެދޭނެ ތަފާތު ސޮލިއުޝަންތައް މާކެޓަށް ނެރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި އެމްއެމްއޭއިން، ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއްކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސް.އައި.އޭ އާއިއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ގައި ވަނީ ސޮއިކޮށްފައެވެ. ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ޤައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ޤާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ޚިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

މިއީ ދިވެހިރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާއި ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއްކަމަށް އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވެފައިވެއެވެ. އަދި އެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މިއީ ޤައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުޢާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުޞަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެ ކަމަށް މަޖިލީހުން ފާސްކުރެއްވި ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *