އިންޓަނެޓްގެ އަގުހެޔޮކުރަން ހުށަހެޅުމުން، އަގުހެޔޮނުކުރީ އެމްޑީޕީ ވަޒީރަކަށް ނުވުމުން: މަލީހު

އިންޓަނެޓްގެ އަގުހެޔޮކުރަން ހުށަހެޅުމުން، އަގުހެޔޮނުކުރީ އެމްޑީޕީ ވަޒީރަކަށް ނުވުމުން: މަލީހު

ވެރިކަމަށް އައުމަށް މިސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އިންޓަރނެޓްގެ އަގުހެޔިކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް، އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް ހުށަހެޅުމުންވެސް މިސަރުކާރުން އެކަން ނުކުރީ ވަޒީރަކަށް ހުރީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވުމުންކަމުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އިންޓަރނެޓްގެ އަގާއި ގުޅިގެން އާންމުގެ ތެރޭގައި ދެކެވެމުންދާ ވާހަތަކާއި ގުޅިގެންނެވެ. މަލީހު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ވެރިކަމުގެ ހަމަސް ދުވަހުގެ ތެރޭގައި އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި ރައީސް އޮފީހަށް ފޮނުވީމަ އެކަން ކުރަން ރައީސް އޮފީހުން ބޭނުން ނުވިކަމަށެވެ. ރައީސް އޮފީހުން އެކަން ނުކުރީ އޭނާއަކީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވުމުންކަމަށް މަލީހު ވިދާޅުވިއެވެ.

އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި ރައީސް އޮފީހަށް ފޮނުވީމަ އެކަން ކުރަން ނުކެރުނު. އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް. އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ.

– މަލީހު ވިދާޅުވިއެވެ.

އިންޓަރނެޓްގެ އަގު ހެޔޮވެފައިވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހު ދެއްކެވި ވާހަތަކާއި ގުޅިގެން އެމިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ ފައްޔާޒު ވިދާޅުވީ ބައެއް އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވީ ނަމަވެސް އެއީ އެދެވޭ ބަދަލެއް ނޫން ކަމަށެވެ. އަދި މިހާރު އައިސްފައިވާ ބަދަލަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން އައިސްފައިވާ ބަދަލެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު އެ އިޝާރާތް ކުރައްވަނީ ރޯދައާ ގުޅިގެން އިންޓަނެޓް ޕެކޭޖްތައް ކުންފުނިތަކުން އަގުހެޔޮ ކުރާ ކުރުމަށް ކަމަށް ބެލެވެއެވެ.

އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވާކަމުގެ ޝަކުވާއަށް ހައްލުތަކެއް ހޯދުމަށް މިއަހަރު މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ، އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވުމާއި، ޕެކޭޖުގައި ފޯރުކޮށްދޭން ބުނާ ސްޕީޑަށްވުރެ އިންޓަރނެޓް ސްޕީޑް ލަސްކަމުގެ ޝަކުވާއަކީ އާއްމުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކޮށް، ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *