އާރްޑީސީއާ ހަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި މަސައްކަތުގެ ދުވެލިވެސް އަވަސްވާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އަހާފޯރަމްގައި ހއ. އިހަވަންދޫއާއި ރ. މީދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާ ގުޅޭގޮތުން އެދެރަށުން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަށް އަލިއަޅުވާލައްވަމުން ވަޒީރު ޤީލާ ވިދާޅުވީ އެރަށުގަިއ ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ލެވެލް 1ގެ ހޮސްޕިޓަލްއެއްކަމަށެވެ. އެ މަސައްކަތް ކުރުމަށް 2025ވަނަ އަހަރު ހަވާލުކޮށްފައިވަނީ އާރްޑީސީއާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އާރްޑީސީއާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ނުދިޔުމުގެ ގިނަ ސަބަބުތަކެއް ހުރިކަމަށެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތަކެތި ލިބުމުގައި ދަތިކަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށްޓަކައި އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މީދޫގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ހޮސްޕިޓަލްގެ މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ އެއީވެސް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 30 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫއުއެއްކަމަށެވެ. ވަޒީރު ވިދާލުވީ މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ނޮވްމްބަރު މަހަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
"ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހަވާލުކޮށްފައި އޮތީ އާރުޑީސީއާ. ނަމަވެސް އެ މަސައްކަތްތައް މިހާރު އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަސައްކަތުގެ ދުވެލިވެސް އަވަސް ވެގެންދާނެ" ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
އިހަވަންދޫއަކީ ހއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށެކެވެ. އަދި އުތުރުގެ ތަރަޤީގަ ސަރަޙައްދީ މުހިންމު ރަށެވެ.
އެރަށުގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލް ވެގެންދާނީ ޖާގަ ތަނަވަސް އަދި ޚިދުމަތުގެ ގޮތުން ފުރިހަމަ ހޮސްޕިލަކަކަށްކަމަށް ސަރުކާރުން ހާމަކުރައްވައެވެ. 123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން އިހަވަންދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރަން ނިންމާފައިވަނީ އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރާގޮތަށެވެ.
ރ. މީދޫގައި އަލަށްލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަކީ ފުލްފުލެޖް ހޮސްޕިޓަލެކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލާ ކޮޓަރިއާއި އޮޕަރޭޝަން ރޫމާއި ލޭބަރ ރޫމްފަދަ ތަންތަން ތަރައްޤީކުރާނެއެވެ. ރ. މީދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒަކުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.






