ބައިލައްކަ މީހުން ވޯޓުލީ ޕޯލްއެއްގައި ކުރީގައި އުޅެނީ ޝާހިދު

ބައިލައްކަ މީހުން ވޯޓުލީ ޕޯލްއެއްގައި ކުރީގައި އުޅެނީ ޝާހިދު

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް އެންމެ އެކަށޭނަ ބޭފުޅަކީ ކޮބައިތޯ ބެލުމުގެ ގޮތުން "ސަން އޮންލައިން" އިން ކުރިއަށްގެންދާ ޚިޔާލު ހޯދުމުގެ ވޯޓުގައި، ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ބައިލައްކައާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެއްޖެއެވެ.

އިއްޔެ ފެށި މި ޕޯލަށް ފުރަތަމަ ދުވަހު އެކަނިވެސް 47،849 މީހުން ވަނީ ވޯޓު ދީފައެވެ. މި ޕޯލްގެ މިހާތަނުގެ ނަތީޖާ ދައްކާގޮތުން އެންމެ ކުރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.

ދެވަނައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އުޅުއްވާއިރު، ލިސްޓުގެ ތިންވަނަ ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. މީގެ އިތުރުން ހަތަރުވަނައިގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އުޅުއްވާއިރު، ފަސްވަނައިގައި ވަނީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަޙްމަދު ޝަމްހީދެވެ.

މި ޕޯލްގެ ހަވަނައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައި ވީނަމަވެސް، ޕާޓީގެ ތެރެއިން ބައެއް ފަރާތްތަކުން އަދިވެސް އަންނަނީ އެމަނިކުފާނު ވާދަކުރެއްވުމަށް އެދި ބާރުއަޅަމުންނެވެ.

އަންނަ ހޯމަ ދުވަހުގެ ރޭ 23:59 އާ ހަމައަށް ކުރިއަށްދާ މި ޕޯލްގައި ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސަންގެ ވެބްސައިޓުގައި ޚާއްސަކޮށްފައިވާ ޕޯލް ސެކްޝަން މެދުވެރިކޮށެވެ. އަދި ވޯޓު ދިނުމަށްފަހު، އެ މީހަކު ތާއީދުކުރި ގޮތް ފޭސްބުކް އަދި އެކްސް ފަދަ މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކުރުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އަބަދުވެސް ފޯރިގަދަ އަދި ވާދަވެރި އިންތިޚާބަކަށް ވާއިރު، ކުރިއަށް އޮތް ޕްރައިމަރީއާ ދިމާކޮށް ޕާޓީގެ އިސް ލީޑަރުންގެ މެދުގައި މިހާރުވެސް ދަނީ ފޯރިގަދަ ކެމްޕޭނުތަކެއް ހިނގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *