ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ސައުދީ އަރަބިއްޔާއަކީ ވަރަށް މުހިންމު ޙިއްސާއެއް އަދާކުރާ ޤައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހާ ގުޅުވައިގެން ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައެވެ.
މި މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން ޝާހީ އާއިލާއަށާއި އެ ޤައުމުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތީ އެތައް ސަތޭކަ އަހަރެއްވީ ދިގު މާޒީއެއް އޮތް ގާތް ގުޅުމެކެވެ. އަދި އެ ގުޅުމަކީ ދެ ޤައުމުގެ މެދުގައިވާ ވަރުގަދަ އިސްލާމީ ވަހުދަތާއި އަޤީދާއާ ގުޅިލާމެހިފައިވާ ޚާއްޞަ ގުޅުމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މީގެއިތުރުން، ސައުދީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެންމެހައި ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން، ޚާއްޞަކޮށް ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސައުދީން ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އައު އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ ސައުދީ އަރަބިއްޔާއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ދާއިމީ ހަމަޖެހުމާއި، ފާގަތިކަމާއި އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.
ސައުދީ އަރަބިއްޔާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ، އަދި ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކުން މެދުކެނޑުމެއްނެތި އަގުހުރި އެހީތެރިކަން ފޯރުކޮށްދެމުންދާ މުހިންމު ބައިވެރިއެކެވެ.






