އަބޫދާބީގެ "އީގަލް ހިލްސް" އިން ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.
"ދަ ނެޝަނަލް ނިއުސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޯޓާފްރަންޓާއި މެރީނާ ހިމެނޭ މި މަޝްރޫއު ކުރިއަށް ގެންދާނީ ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލޭގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލައްބާރެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓްތަކުގެ އިތުރުން، މަތީ ފަންތީގެ ބްރޭންޑަޑް ރެޒިޑެންސީތައް މި މަޝްރޫއުގައި ހިމެނެއެވެ. ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއެކު، ވޯޓާފްރަންޓް ސަރަހައްދުތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ސެންޓަރުތައްވެސް ހިމެނޭގޮތަށް، އެކި ފިޔަވަހިތަކަށް ބަހާލައިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އީގަލް ހިލްސްއިން ލަފާކުރާ ގޮތުގައި، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ޖުމްލަ 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރު ފައިސާ ވަންނާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ލިބޭނެ އިންވެސްޓްމަންޓެކެވެ.
މީގެއިތުރުން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54,000 އަށްވުރެ ގިނަ ވަޒީފާ މި މަޝްރޫއުގެ ސަބަބުން އުފެދޭނެ ކަމަށް ބެލެވެއެވެ. މަޝްރޫއު ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން އަހަރަކު ދެ ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އީގަލް ހިލްސްއިން މި މަޝްރޫއަށް ސީދާ އިންވެސްޓްކުރާނެ މިންވަރާއި، ފައިނޭންސް ހޯދާނެ ގޮތުގެ ތަފްސީލުތަކާއި، މަސައްކަތް ނިންމާނެ ތާވަލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އީގަލް ހިލްސްއަކީ ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލައްބާރުގެ އަމިއްލަ ކުންފުންޏެކެވެ.





